ސުޕްރީމް ކޯޓާއި ހައިކޯޓް ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތައް އަދި ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކަށް މުސާރައިގެ އޮނިގަނޑުގެ ތެރެއިން ދޭ ހެލްތު އިންޝުއަރެންސް ޕެކޭޖް މާލިއްޔަތު ކޮމެޓީގެ ސަބްކޮމެޓީން ނިންމި ގޮތަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީން އެގޮތަށް ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި 10 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކޮމެޓީން ފާސްކުރި ޕެކޭޖްތައް
- ސުޕްރީމް ކޯޓާއި މަޖިލިސް މެމްބަރުންގެ ޕެކޭޖް 12،000ރ. އިން 24،000ރ. އަށް
- ވަޒީރުންގެ ޕެކޭޖު 12،000ރ. އިން 19،000ރ. އަށް
- ހައިކޯޓާއި މިނިވަން މުއައްސަސާތަކުގެ ޕެކޭޖު 10،000ރ. އިން 14،500ރ. އަށް
- ސުޕީރިއާ ކޯޓުތަކަށް 7،000ރ. 12،000ރ. އަށް
- މެޖިސްޓްރޭޓް ކޯޓުތަކަށް 7،000ރ. 9،000 ރ. އަށް
ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ވަޒީރުން އެއް ކެޓަގަރީއެއްގެ ދަށަށް ދިޔަ ނަމަވެސް ވަޒީރުންގެ ހެލްތު އިންޝުއަރެންސް ޕެކޭޖް ކުޑަކޮށް ފާސް ކުރީ ބޭނުންކުރާ މިންވަރު މަދުވުމުންނެވެ. ސަބްކޮމެޓީން ފާސްކުރި އެއްވެސް ޕެކޭޖަކަށް ކޯ ޕޭމަންޓް ދައްކާކަށް ނުޖެހެ އެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމުގެ ފޯނު ބިލަށްވާ ފައިސާ އާ މެދު ގޮތެއް ނިންމަން ވެސް ބަހުސް ކޮށްފައިވެ އެވެ. މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ ފާއިތުވެދިޔަ ދެތިން މަސް ދުވަހުގެ ފޯނު ބިލު ދިރާސާ ކުރުމަށްފަހު އާންމު ކޮމެޓީއަށް ފޮނުވާށެވެ.
މީގެ އިތުރުން މެޖިސްޓްރޭޓުންގެ ފޯނު ބިލަށް އެލަވަންސް ދިނުމާ ބެހޭގޮތުން މަޝްވަރާކޮށް ނިންމާފައިވަނީ ސަބްކޮމެޓީން އިތުރަށް ދިރާސާ ކުރުމަށް ފޮނުވުމަށެވެ. މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމާ ބެހޭޣޮތުން ސުޕްރީމް ކޯޓުން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ވަނީ ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 800 ރ. ދިނުމަށެވެ. އަދި ކޯޓު އިސް މެޖިސްޓްރޭޓުންގެ ފޯނު އެލަވަންސަށް މަހަކު 650ރ. އަދި މެޖިސްޓްރޭޓުންނަށް މަހަކު 500 ރ. ދޭން ފާސްކޮށް ދިނުމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކޮށް މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކާއި ގުޅޭގޮތުން އަމިއްލަ ފަރާތަކުން ފޮނުވާފައިވާ ސިޓީއަކާމެދު މަޝްވަރާކޮށް އެ ސިޓީއަށް ޖަވާބުދޭން މިއަދު ނިންމާފައިވެ އެވެ.