ވިޔަފާރި

އޭޝިޔާ ޓޫރިޒަމްގެ ބޮޑު އެވޯޑެއް ރާއްޖޭގެ ހައިރައިޒްއިން އިންތިޒާމު ކުރަނީ

Jul 1, 2016
1
  • އެވޯޑަށް ރާއްޖެއިން ވެސް ކުރިމަތިލެވޭ
  • ރާއްޖޭގެ ފޯކަލް ޕޮއިންޓަކީ އަޓާ
  • އެވޯޑަށް ކުރިމަތިލުން އަންނަ މަހުގެ ނިޔަލަށް

އޭޝިޔާގެ ޓޫރިޒަމަށް ހުޅުވާލައިގެން ބާއްވާ އެވޯޑެއް ކަމަށްވާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އިންތިޒާމު ކުރުން ރާއްޖޭގެ ހައިރައިޒް އަށް ލިބިއްޖެ އެވެ.

އޭޝިޔާ ސަރަހައްދުގެ ރިސޯޓުތަކާއި ގެސްޓް ހައުސް އަދި ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ "ސަޓާ" އެވޯޑު ލޯންޗު ކުރުމަށް ސްރީލަންކާ ޓޫރިޒަމް ބޯޑުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި އެވޯޑު ބާއްވަނީ ސްރީލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަމްބޯ ޗެމްބާ އޮފް ކޮމާސްއާ ގުޅިގެންނެވެ. މީގެ އިތުރުން މި އެވޯޑުގައި ޕާޓްނަރުންގެ ގޮތުގައި ރާއްޖޭން ބައިވެރިވަނީ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ސަފާރީ އޮޕަރޭޓަރުންގެ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އެވެ. އަދި އިންޑިޔާ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (ސަޓޯ) އެވެ.

"ސަޓާ" އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހު އެވެ. މި އެވޯޑުގައި ރާއްޖޭގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އެވެ.

މި އެވޯޑު ލޯންޗް ކުރުމަށްފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި ސްރީލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް ޑރ. އަމީލާ ކަންކަނަމަންގް ވިދާޅުވީ މިއީ ސަރަހައްދީ ޓޫރިޒަމްގެ މުހިންމު ޕްރޮޑަކްޓަކަށް ވެގެންދާނެ ކަމަށެވެ. އަދި އަޓާގެ ސެކްރެޓަރީ ޖެނެރަލް މިރްޝާދު ވިދާޅުވީ ރާއްޖޭގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އެ ޖަމިއްޔާ ބައިވެރިވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

"މި އެވޯޑުގައި ފާހަގަ ކުރެވޭ އެއް ކަމަކީ ޓްރެވަލް އެޖެންޓުންނަށް ރިކޮގްނިޝަން ލިބިގެންދާކަން،" މިރްޝާދު ވިދާޅުވި އެވެ.

ހައިރައިޒް އިން ބުނީ މި އެވޯޑަކީ ގެސްޓް ހައުސްތަކާއި ސަފާރީތަކަށް ސަރަހައްދީ ފެންވަރުގެ އެވޯޑެއް ލިބުމަށް ހުޅުވާލާ ފުރުސަތެއް ކަމަށެވެ.

ހައިރައިޒް އިން ދަނީ މިފަދަ ރަސްމިއްޔާތުތައް އިންތިޒާމު ކުރަމުންނެވެ. އެގޮތުން މެލޭޝިޔާ، ދުބާއީ އަދި އިންޑިޔާ އާއި ސްރީލަންކާގައި ބާއްވާފައިވާ ތަފާތު ރަސްމިއްޔާތުތައް މި ކުންފުނިން އިންތިޒާމުކޮށްފައިވެ އެވެ.