މަސްތުވާތަކެތި

ތިނަދޫ ގެއެއް ފާސްކޮށް މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހުރި ސެލޯފިންތަކަކާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 48 އަހަރުގެ މީހަކައި، 35 އަހަރުގެ މީހަކައި، 36 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހަކައި 22 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެ ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަވިރުގެ ވަގުތެއްގައި ކަމަށާއި މަސްތުވާތަކެތި ހުރި ސެލޯފިންކޮޅުތައް ފެނިފައިވަނީ ބަލައި ފާސްކުރި ގޭގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށެވެ. އަދި އެ މައްސަލާގައި ހައްޔަރު ކުރި ފަސް މީހުން ވެސް މަސްތުވާތަކެތީގެ ބާވަތްތަކަށް ޕޮސިޓިވް ކަމަށް ތަހުލީލުތަކުން ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 48 އަހަރުގެ މީހާ ތިން ދުވަހަށް ބަންދުގައި ތަހުގީގު ކުރަން އެންގި ކަމަށާއި އަނެއް ހަތަރު މީހުން ވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.