- ބްރިޖުގެ މަސައްކަތް 2018 ގައި ނިމޭނެ
- މަޝްރޫއުގެ އަގަކީ 200 މިލިއަން ޑޮލަރު
- ވަގުތީ ޕްލެޓްފޯމްގެ 90 ޕަސެންޓް ވަނީ ނިމިފައި
މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖުގެ ތަނބު ޖަހަން ބޭނުންކުރާ ޝީޓް ޕައިލްގެ ސްޓީލް ތިން ހޮޅިއެއް ޖަހައިފި އެވެ.
"އަވަސް" އަށް ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ބްރިޖުގެ ތަނބު އަޅަން ފެށުމުގެ ގޮތުން ޖަހާ ތިން ހޮޅި ނުވަތަ އެއަށްވުރެ ގިނައިން ޖަހާފައިވާ ކަމަށާއި، އަދި ބްރިޖުގެ ވަގުތީ ޕްލެޓްފޯމްގެ ބޮޑު ބައެއް ވެސް ނިމިފައިވާ ކަމަށެވެ.
"ވަގުތީ ޕްލެޓްފޯމްގެ ބޮޑު ޕަސެންޓެއް ވެސް ވަނީ ނިމިފައި، އަދި ބްރިޖްގެ މަސައްކަތުގެ ޝެޑިއުލަށް ހުރިހާ ކަމެއް ބަރާބަރަށް ކުރިޔަށް އެބަދޭ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެއްގެ ގޮތުގައި ކުރިއަށް ގެންދާ "ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ކުރުމަށް ބޭނުންވާ ވަގުތީ ޕްލެޓްފޯމްގެ މަސައްކަތާއެކު، ތަނބު ޖަހަން ބޭނުންކުރާ އާލާތްތަކުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. މި މަސައްކަތް މާލޭގެ އިތުރުން ހުޅުމާލޭގައި އަލަށް ހިއްކި ސަރަހައްދުގައި ވެސް ކުރިއަށްދެ އެވެ.
ބްރިޖްގެ މުހިންމު އުސްއަލިތައް
- - ބްރިޖްގެ ދިގުމިނުގައި ދެ ކިލޯމީޓަރު
- - ފުޅާމިނުގައި 20.3 މީޓަރު
- - އުޅަނދުތައް ދުއްވުމަށާއި ހިނގާ މީހުންނަށް ހާއްސަ ލޭން ހުންނާނެ
- - ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
- - ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
- - ބްރިޖް ބޭނުން ކުރަން ފަށާނީ ޖޫން 2018 ގައި
- - ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
- - ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް
"ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖަކީ" ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ.