ދުނިޔެ

ސިންގަޕޫރުގެ ވެރިޔާއަށް ކެންސަރު ޖެހިއްޖެ!

މިއީ ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލުންގްގެ ވާހަކަ އެވެ. އެ ބޭފުޅާ އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިގެން މިއަދުގެ ވަގުތެއްގައި ހާއްސަ އޮޕަރޭޝަނެއް ކުރައްވާނެކަން މި ވަނީ އިއުލާނުކުރައްވައިފަ އެވެ.

ސިންގަޕޫރުގެ ރަސްމީ ފަރާތްތަކުން ވިދާޅުވެފައި ވަނީ މި އާލާސްކަންފުޅާ ގުޅިވަޑައިގެން އަދި އޮޕަރޭޝަނަށް ފަހު ލީ، ހަފުތާއެއްގެ މެޑިކަލް ލީވެއްގައި އޮފީހާ ދުރުގައި މަޑުކުރައްވާނެ ކަމަށެވެ. އޮފިޝަލުން ވިދާޅުވަނީ އެ މުއްދަތުގައި ބޮޑުވަޒީރަށް "ފުލް ރިކަވަރީއެއް" ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އަޅުގަނޑު މި ވަނީ އޮޕަރޭޝަނަށް ފުރިހަމަ އަށް ތައްޔާރުވެފައި. އަޅުގަނޑުގެ ސާޖަރީ ހަދާ ފަރާތާއި އެ ބޭފުޅާގެ ޓީމު ވެސް ތައްޔާރު،" ލީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވެ އެވެ.

ލީ އަށް މިހާރު 63 އަހަރެވެ. ބޮޑުވަޒީރު ވަނީ ކުރިން ވެސް ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވައިފަ އެވެ. އެއީ 90ގެ އަހަރުތަކުގަ އެވެ.

މިއަދު ކުރައްވާ އޮޕަރޭޝަނާ ގުޅިގެން ލީގެ ސަރުކާރުގެ ޒިންމާތައް ވަގުތީ ގޮތުން އަދާކުރައްވާނީ އެ ބޭފުޅާގެ ނާއިބު، ޓިއޯ ޗީ ހީން އެވެ. ސިންގަޕޫރުގައި ލީ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ.

ލީގެ ސިއްހީ ހާލުކޮޅާ ބެހޭ މި ޚަބަރު އާންމުކޮށްފައި މި ވަނީ އާންމު އިންތިހާބުގެ މައްސަލާގައި ގައުމުގެ ސިޔާސީ މަސްރަހް ވެސް ކޮންމެވެސް ވަރަކަށް ހަލަބޮލިވެފައިވަނިކޮށެވެ. އިންތިހާބު 2017ގެ ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އެ އިންތިހާބު މި އަހަރު ބޭއްވުމުގެ ފުރުސަތު މިހާރު ބޮޑު ކަމަށެވެ.

ލީގެ ޕީޕަލްސް އެކްޝަން ޕާޓީ އިން ސިންގަޕޫރުގައި ވެރިކަން ކުރަމުން ގެންދަނީ 1959 ވަނަ އަހަރުން ފެށިގެންނެވެ.