ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ތްރީ ލައިން ވިޕާ ހިލާފުވުމުން މީގެކުރިން ފިޔަވަޅު ނާޅައި އެ ގްރޫޕްގައި ހިމެނި ވަޑައިގަންނަވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ތްރީ ލައިން ވިޕް އާ ހިލާފުވެވަޑައިގަތުމުން ފިޔަވަޅު އެޅުމަކީ އިންސާފާއި އުސޫލުތަކާއި ހަމަތަކާއި ހިލާފު ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީ ރަސްމީކޮށް އާންމުވުމުގެ ކުރިން ފުރަތަމަ އާންމުވީ ސޯޝަލް މީޑިއާގައެވެ.
އެ ސިޓީގައި އިއްޔެ މައުމޫނަށް ކޮޕީ ކުރައްވާ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފާރިޝްގެ މައްސަލާގައި ފޮނުވި ސިޓީގައި ޕީޖީ ގްރޫޕްގެ ގަވާއިދަށް އިޝާރަތް ކުރައްވާފައިވާތީ ޕާޓީގެ ގައުމީ ޖަލްސާއިން ވެސް އަދި ކައުންސިލުން ވެސް ފާސްކޮށްފައިވާ އެފަދަ ގަވާއިދެއް ނެތް ކަށް ވިދާޅުވެފައި ވެއެވެ.
ނިހާން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ މެންބަރު ފާރިޝް އަމަލު ކުރައްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 10 (މ) އަށް ރިއާޔަތްކޮށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރުންނަށް އެ މައްސަލާގައި އަމަލު ކުރަން އެދުނު ގޮތަށް ކަމަށްވާތީ އެއީ މައްސަލައެއް ކަމަށް ދެކި ވަޑައި ނުގަންނަވާ ކަމަށް ވެސް މައުމޫންގެ ސިޓީގައި ވެއެވެ.
ތްރީލައިންވިޕެއް ނެރެފި ނަމަ، އެ ޕާޓީއަށް ނިސްބަތްވާ ހުރިހާ މެންބަރުން ވެސް އެ ބިލު ބަލައިގަތުމަށް ވޯޓުދޭން ލާޒިމްވާއިރު އިއުލާން ނުކޮށް ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ބިލަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވޯޓެއް ނުދެއްވައެވެ.
އެއާ ގުޅިގެން އެ ދެ މެންބަރުންނަށް ކަންކަން ހިނގި ގޮތް ބައްލަވާ އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ޕާޓީގެ ޕީޖީ ލީޑަރު ނިހާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މައުމޫންގެ މި ސިޓީއާ ގުޅިގެން ނިހާންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ޕީޕީއެމްގެ އެހެން އޮފިޝަލަކު ވިދާޅުވީ މެމްބަރުންގެ ތެރެއިން ވިޕްލައިނާ ހިލާފުވި އެކި މެންބަރުންނަށް އެކި ކަހަލަ ފިޔަވަޅުތައް އަޅައި ނަސޭހަތްތެރިވެފައިވާ ކިތަންމެ ފަހަރެއް ގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ހިމެނޭ މެންބަރު ފާރިސް ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މިއީ ދެވަނަ ފަހަރު ކަމަށެވެ.
މީގެ ކުރިން ފަހަރު ވެސް ފާރިސް އަށް ނަސީހަތްތެރިވެފައިވާ ކަމަށާއި އެފަހަރު ފާރިޝް މާފަށް ވެސް އެދިވަޑައިގެންފައއިވާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވިޕްލައިނަށް ވޯޓް ދިނުމުގެ ބައެއް އުޒުރުތައް ހުރެގެން ވޯޓް ދެއްވަން ދަތިވެވަޑައިގެންނެވި ބައެއް ބޭފުޅުންނަށް މީކުރިން އެފަދަ މައްސަލަތަކުގައި ވޯޓް ހަމަވާނަމަ ފްލެކްސިބިލިޓީ ވެސް ދީފައިވާ ކަމަށެވެ.