ކަފާލާތުގެ ދަށުން މިރޭ ސިޔާސީ ބޭފުޅުންތަކެއް ހައިކޯޓުން މިނިވަންކޮށްފައިވާތީ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ކަފާލާތުގެ ދަށުން މިރޭ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް މިނިވަންކޮށްފަ އެވެ. ކަފާލާތުގެ އުސޫލުން ދޫކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ތަންދެ އެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ލާރިހުރި މުއްސަނދިންނާއި ބާރުހުރި ބޭފުޅުން ބޮޑެތި އަދަދުތަކުން ކަފާލާތު ދެއްކުމަށްފަހު މިނިވަންވަމުންދާ ކަމަށާއި ނަމަވެސް ނިކަމެތި ކުދިންގެ އާއިލާތަކުންނާއި އަނބިދަރިން އަދިވެސް ތިބީ ޖަލުގައި ކަމަށެވެ. އެމީހުން ވެސް އެދެނީ އާއިލާގެ ކައިރީގައި ވަގުތު ހޭދަކޮށްލުމަށް ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެފަދަ ނިކަމެތި ކުދިން ވެސް އެމްޑީޕީގައި އޮންނަ ލޯތްބާއި އިންސާފުގެ ދަށުން ކޮންމެވެސް ވަރެއްގެ ފައިސާއެއް ދައްކައިގެން ދޫކޮށްދިނުމަކީ އެދޭ ކަމެއް ކަމަށެވެ. ނިހާން މިހެން ވިދާޅުވިއިރު ކޯލިޝަންގެ ސަރުކާރުގެ ވެރިކަން އަދި ނުފެށެ އެވެ. އަދި ޕީޕީއެމްގެ ވެރިކަން ނުވެސް ނިމެ އެވެ. ކުރިއަށް ދަނީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އެވެ.
ސިޔާސީ ބޭފުޅުންތަކެއް މިނިވަންކޮށްގެން ޕީޕީއެމްއިން މިރޭ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ނިހާން ވަނީ ކަފާލާތުގެ ދަށުން ދޫނުކުރެވޭ ކުށްތައް ބަޔާންކޮށްދިނުމަށް ގާނޫނީ މާއްދާއެއް ޓްވީޓް ވެސް ކުރައްވާފަ އެވެ. ނަމަވެސް މިރޭ ދޫކޮށްލި އެއްވެސް ބޭފުޅަކު ދޫކޮށްލީ އެފަދަ މައްސަލައެއްގައި އިއްވާފައިވާ ހުކުމަކާ ގުޅިގެނެއް ނޫނެވެ.
ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް މި ސަރުކާރުން ވެސް ގިނަ ކުށްވެރިންތަކަކަށް ލުއި ދިނުމަށްފަހު މިނިވަންކުރި އެވެ.