ރައީސް މައުމޫން އަބްދުލްގައްޔޫމް

މަސްއޫލިއްޔަތުން ބޭރު ކަންކަން ނުކުރުމަށް މައުމޫން ނިހާންއަށް އަންގައިފި

ޕާޓީ ތެރޭގައި ހުރި މައްސަލަތާ މަޝްވަރާކޮށް ގޮތް ނިންމުމަކީ ޕީޖީ ގުރޫޕްގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި މަސްއޫލިއްޔަތުން ބޭރުން ޕީޖީ ގުރޫޕް އަމަލުނުކުރުމަށް ޕީޕީއެމް ރައީސް، މައުމޫން އަބްދުލް ގައްޔޫމް، ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާންއަށް އަންގައިފި އެވެ. ރައީސް މައުމޫން މިހެން އަންގަވާފައިވަނީ، އެ ޕާޓީގެ ޕީޖީ ގުރޫޕް ލީޑަރު އަހުމަދު ނިހާން އެމަނިކުފާނަށް ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި ފޮނުއްވި ސިޓީއެއްގަ އެވެ.

ރައީސް މައުމޫން، ނިހާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ޕީޕީއެމްގެ އަސާސީ ގަވައިދުގެ 38 (ހ) ގައި ބުނާ ގޮތުން ޕާލަމަންޓްރީ ގުރޫޕަކީ ޕާޓީގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މަޖިލީހާ ގުޅޭ މަސައްކަތްތައް ރާވައި ވިލަރެސްކުރުމަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ޕާޓީގެ ހުރިހާ މެންބަރުން ހިމެނޭ ގޮތުން އެކުލަވާލެވިފައިވާ ގުރޫޕެއް ކަމަށެވެ.

އެހެންކަމުން ޕީޖީ ގުރޫޕަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހާ ގުޅޭ މަސައްކަތްތައް ރާވައި ހިންގުމަށް އޮންނަ ގުނަވަނެއް ކަމަށާއި މި މާއްދާގެ ބޭރުން ކަންކަން ނިންމެވުމުގެ ހައިސިއްޔަތެއް ޕީޖީ ގުރޫޕަށް ޕާޓީގެ އަސާސީ ގަވައިދުގައި ލިބިދީފައިނުވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"ޕާޓީގެ ތެރޭގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް އަޅުގަނޑު މަސައްކަތްކުރާ ވާހަކަ ދަންނަވަން،" ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ޕީޖީ ގުރޫޕުން ވޭތުވެދިޔަ ތަނުގައި ބާއްވާފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި އެ ބައްދަލުވުންތައް ބޭއްވި ތާރީހާއި ތަނާއި ހާރިޒީ އަދި އެ ބައްދަލުވުންތަކަށް ހުށަހަޅުއްވައި ނިންމެވި ކަންކަން 14 ޖުލައިގެ ކުރިން ފޮނުވުމަށް ވެސް ރައީސް މައުމޫން، ނިހާންއަށް ވަނީ އަންގާފަ އެވެ.