ހަބަރު

ނަސްރީނާގެ މެސެޖާއެކު ނިހާންގެ ސުވާލުތަކެއް އެމްޑީޕީއަށް

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކުރެއްވި އިލްތިމާސްއަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ނަސްރީނާ މިއަދު އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ނުހައްގުން އަނިޔާ ލިބެމުންދާ ހުރިހާ ބޭފުޅުން މިނިވަންކުރުމަށާއި ސަރުކާރުގެ އަނިޔާވެރިކަން ނިންމުމަށް އިބޫއަށް ވޯޓު ދެއްވުމަކީ އެކަމަނާގެ އާދޭހެއް ކަމަށެވެ.

އެކަމަށް ފާޑުވިދާޅުވަމުން ނިހާން މިއަދު ވިދާޅުވީ، އެމްޑީޕީއިން މީގެކުރިން ގޮވަމުން ދިޔައީ ރައީސް މައުމޫންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ކަމަށެވެ. އެ ވާހަކަތައް މިހާރު ހަނދާން ހުރިތޯ އެމްޑީޕީގެ ބޭފުޅުންނަށް ސުވާލުކޮށްލަން ބޭނުންވާ ކަމަށެވެ.

"އެމްޑީޕީގެ އެންމެ އިސް އެކްޓިވިސްޓުންނަށް އަޅުގަނޑު ހަމަ ސުވާލުކޮށްލަން ބޭނުންވޭ ގާނޫނު އަސާސީގެ ފޮޓޯއެއް ނެގުމުން ޖަލުގެ ތޭރިތަކުގެ ތެރެއަށް ގެންގޮސް ހަ މަސް ހަތް މަސް އަށް މަސް 12 މަސް 24 މަސް ހޭދަކުރަން ނުޖެހޭތޯ، ގާނޫނު އަސާސީގެ ތަރުޖަމާއެއް މެލޭޝިއާއަށް ގެންދިޔައީތީ އެ އާއިލާގެ މީހުން ޖަލަށް ނުގެންދޭތޯއޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވަނީ އީވާން ނަސީމާއި ހުސެއިން ސޮލާހުގެ މަރު މިހާރު އެމްޑީޕީއިން ހަނދާން ހުރިތޯ ވެސް އަހާން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. މިހާރު ޖިނާއީ ކުށްތަކެއް ސާބިތުވެފައިވާ ބޭފުޅުންތަކެއް ދޫކުރަން ވައުދުވަމުންދާއިރު ޖަލުގައި ތިބި އެހެން އާންމު މީހުންގެ މަތިން ހަނދާން ނުވަނީތޯ ވެސް ނިހާން ސުވާލު ކުރެއްވި އެވެ. އެމީހުންގެ އާއިލާތަކުގެ ވޯޓު ބޭނުން ނުވަނީތޯ ވެސް ނިހާން އެއްސެވި އެވެެ.

"ހަމައެކަނި ކުރީގެ ފަސްޓް ލޭޑީއަކު ނުކުމެ ވަކި ގޮތެއް މިހެނޭ ވިދާޅުވުމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ދުސްތޫރީ ހާލަތާއި ޝަރުއީ ނިޒާމަށް މަލާމަތް ކުރުމަށް ދައްކާ ވާހަކަތަކެއް، އެތައް ހާސް ރައްޔިތުންނެއް އެބަ ތިބި މާޒީން އިބުރަތް ލިބިގެން ކަން ހިނގައިދިޔަ ގޮތް އަތުން ދެކިފަ ތިބި، އެހެންވީމަ އެފަދަ ވާހަކަތައް ދައްކަން ނުޖެހޭ ބޭފުޅުން އެފަދަ ވާހަކަތައް ދެއްކީމަ އަޅުގަނޑުމެން ވެސް އެބަޖެހޭ މި ވާހަކަތައް ތަންކޮޅެއް ހަރުކޮށް ދައްކާލަން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޖަލުގައި ތިބީ ހަމައެކަނި ސިޔާސީ މީހުން ނޫން ކަމަށާއި އަދި އެ ސިޔާސީ މީހުން ޖަލު ގޮޅިއަށް ދިޔައީ ގާނޫނީ އިމުން ބޭރުން ވެސް ނޫން ކަމަށެވެ. ޝަރުއީ މަރުހަލާގައި ޝަރީއަތް ހިނގި، ފަނޑިޔާރުންގެ ހުކުމްތަކުން ޖަލުގައި ތިބެންޖެހިފައިވާ ފަރާތްތަކެއް ކަމަށެވެ.

އެއް ބަޔަކު ދޫކޮށްލާފައި އަނެއް ބަޔަކު ދޫކޮށްލާނެ އުސޫލެއް ހަމަހަމަކަމާއެކު އަމަލު ކުރާނެ ނޯންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވީ ގާނޫނަކީ އުމުރެއް، ޖިންސެއް އަދި އާއިލާއެއް ބަލާނެ އެއްޗެއް ނޫން ކަމަށެވެ. ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމަކީ ސަރުކާރެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.