ހަބަރު

އީދު ދުވަހަކީ ބުދަ ދުވަސް، އީދު މުބާރިކް!

Jul 4, 2016

މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް، އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ދާދި ދެންމެއަކު އިއުލާންކޮށްފި އެވެ. ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް ފަހު، ޝައްވާލް މަހުގެ ހަނދާ ބެހޭ ގޮތުން އިއްވި ގަރާރުގައި ބުނެފައި ވަނީ، މިރޭ އިރުއޮއްސުމަށް ފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ސާބިތުވެފައި ނުވާ ކަމަށާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މިރޭ ޝައްވާލު މަހުގެ ހަނދު ސާބިތުވެފައި ނެތް ކަމަށެވެ.

އެހެންކަމުން މާދަމާއަކީ ރަމަލޯން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ޝައްވާލް މަހުގެ އެއްވަނަ ދުވަސް، މި އަހަރުގެ ފިތުުރު އީދު ދުވަހަކީ ޖުލައި މަހުގެ ހަވަނަ ދުވަސް، އަންނަ ބުދަ ދުވަސް ކަމުގައި ކަނޑައެޅީ ކަމަށް ވެސް މިނިސްޓްރީ އިން އިއްވި ބަޔާނުގައިވެ އެވެ.

އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ވެސް ދައްކަނީ މިއަދުގެ އިރު އޮއްސުމުގެ ކުރިން، އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު އޮއްސިފައިވާ ކަމަށެވެ.