ހަބަރު

އީދު ނަމާދު ކުރާ ވަގުތު މާލޭގެ ތިން މަގެއް ބަންދު!

މާދާމާ، ފިތުރު އީދު ނަމާދު ކުރާ ވަގުތުގައި މާލޭގެ ތިން މަގެއް ބަންދުކުރަން ނިންމައިފި އެވެ. ފުލުހުން ބުނީ އޯކިޑް މަގާއި، ފިޔާތޮށި ގޯޅި އަދި ފިޔާތޮށި މަގު ބަންދުވާނެ ކަމަށެވެ. އަދި އޯކިޑް މަގު ޝަހީދު އަބްދުއް ޒުހޫރު އާ ހަމައަށް އަދި އަމީރު އަހްމަދު މަގުގެވެސް އެއްބައި ބަންދުވާނެ ކަމަށް ފުލިހުން ބުންޏެވެ.

މިއަދު ބޭއްވި ނޫސްކޮށްފަރެންސެއްގައި ސަބް އިންސްޕެކްޓާ މުހައްމަދު ޒަހާން ވިދާޅުވީ އީދު ނަމާދުކޮށް ނިމުމާއެކު ބައެއް މަގުތައް ހުޅުވާލާނެ ކަމަށާއި ހުރިހާ މަގުތަކެއް ހުޅުވާލާނީ ރައީސް އީދު ސަލާން ކުރައްވާ ނިމުނީމަ ކަމަށެވެ.

މާދަމާ އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ 23 މިސްކިތެއްގައި އީދު ނަމާދުކުރަން ނިންމާފައިވާ ކަމަށް މިއަދުގެ ނޫސްކޮންފަރެންސްގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވީ އިސްލާމީ މަރުކަޒު އަދި މާބްލް ޖަހާފައިވާ ސަރަހައްދުގައި 20،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށާއި އެސަރަހައްދުގައި އަންހެނުންނަށް އަދި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ ކަމަށެވެ.

އިސްލާމީ މަރުކަޒު ވާތް ފަރާތު ވިންގުން ފެށިގެން މާބްލް ޖަހާފައިވާ ސަރަހައްދު އަންހެނުންނަށް ހާއްސަކޮށްފައިވާ ކަމަށެވެ. އަދި މެދުޒިޔާރަތް މަގުންނާއި، ޗާންދަނީ މަގުން ކުރީގެ ދިރާގު ކައިރިން އަންހެނުންނަށް މިސްކިތަށް ވަދެވޭނެ ކަމަށެވެ. އަދި ފިރިހެނުންނަށް ސިޑިން އުތުރަށް އޮންނަ ބައި ހާއްސަކޮށްފައިވާ ކަމަށެވެ.

މާލޭގެ އިތުރުން ވިލިނގިލީގެ އެއް މިސްކިތުގައި އަދި ބޯޅަ ދަނޑުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މާދާމާގެ އީދު ނަމާދަށްފަހު ހާއްސަ ސައެއް އިއްޒުއްދީން ފާލަން ސަރަހައްދުގައި އޮންނާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ފާއިތުވެދިޔަ ދެތިން އަހަރު މާލޭގައި އީދު ނަމާދުކޮށްފައިވަނީ މާފަންނު ބޯޅަ ދަނޑުގަ އެވެ.