ހަބަރު

ކޮރަޕްޝަންގެ ތުހުމަތުގައި އޭސީސީއިން މައުމޫންއާ ސުވާލު ކުރަނީ

Jul 5, 2016
18

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގެވި ކޮރަޕްޝަންގެ މައްސަލަތަކުގައި އެމަނިކުފާނާ ސުވާލު ކުރުމަށް އޭސީސީ އިން ނިންމައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ، އޮޑިޓް ރިޕޯޓްތަކުގައި ފާހަގަވެފައިވާ ރައީސް މައުމޫންގެ ސަރުކާރުގައި ހިންގަވާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި މައުމޫން އާ ސުވާލު ކުރަން ޖެހޭ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައިގައި މައުމޫންއާ ސުވާލު ކުރުމަށް ކޮމިޝަނުން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ.

އެހެން ނަމަވެސް މައުމޫންއާ ސުވާލު ކުރަނީ ހާޒިރުކޮށްގެން ކަމެއް އަދި ސުވާލު ކުރަނީ ކޮން އިރަކު ކަމެއް އަދި ނޭނގެ އެވެ.

ދެހާސް ހަތްވަނަ އަހަރާއި 2008 އަހަރުގެ ތީމްގޭގެ އޮޑިޓް ރިޕޯޓްގައިވާ ކަންކަން ފުރަތަމަ ތަހުގީގުކޮށްފައިވަނީ 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ނިމި، އޭގެ ފަހުން އައި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ރިޔާސީ ކޮމިޝަން އުވާލާފަ އެވެ. އޭގެ ފަހުން މި މައްސަލައިގެ ތަހުގީގު އޮތީ މަޑުޖެހިފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދެ އަހަރުގެ ތީމްގޭ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ތީމްގެ އިމާރާތްކުރުމަށް 207 މިލއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ތީމްގޭގައި ސްވިމިން ޕޫލަކާއި ސިނަމާއަކާއި ފޮޓޯ ސްޓޫޑިއޯއަކާއި ޓެލެސްކޯޕަކާއި ޖިމެއް ވެސް ގާއިމުކުރި ކަމަށް ރިޕޯޓްގައިވެ އެވެ. މީގެއިތުރަށް 11 ލޯންޗާއި ހަތް މާސިޑީޒް ބެންޒް ކާރު ވެސް ބައްލަވައިގެންފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

ރައީސް މައުމޫންގެ އިތުރުން މެޑަމް ނަސްރީނާގެ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް ބުނާ މައްސަލަތަކެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިއެވެ. އެގޮތުން ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަން (ޝީ)ގެ ވަފުދަކާއެކު ދުބާއީއަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކަށް ތީމްގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށާއި ސިންގަޕޫރުން ހެދުންކޮޅުތައް ފެއްސެވުމަށް ތީމްގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެއިތުރަށް ވެސް އެކުވެރިންނާއެކު އެމެރިކާއަށް ވަޑައިގަތުމަށާއި ބައެއް ގަހަނާތައް ބައްލަވައިގަތުމަށް ވެސް ދައުލަތުގެ ފައިސާ ނަސްރީނާ ބޭނުންކުރައްވާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.