ހަބަރު

އީދު ދުވަހާ އެކު ހުޅުމާލެ ފުރި ބަންޑުން ވެއްޖެ

Jul 6, 2016
1

ފިތުރު އީދުގެ ބަންދާ އެކު ހުޅުމާލެއަށް ދާ މީހުން ގިނަވެ، ފެރީތަކަށާއި ބަސްތަކަށް ބާރު ބޮޑުވެ، ފެރީ ޓާމިނަލް އާއި ހުޅުމާލެ އެކީ ތޮއްޖެހިއްޖެ އެވެ.

މިއަދު، ހަވީރު 3:30 ހާއިރުން ފެށިގެން ހުޅުމާލެއަށް ދާ މީހުން އާދަޔާ ހިލާފަށް ގިނަވެ، މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލްގައި އައީ ކިޔޫ ދިގުވަމުންނެވެ. ހާއްސަކޮށް ސައިކަލްގައި ހުޅުމާލެއަށް ދާން ތިބި މީހުންގެ ކިޔޫ ވަރަށް ދުރަށް ދަމާލާފައި އޮތެވެ. ހަތަރެއް ޖެހުމާ ހަމަޔަށް އައިއިރު، ޓާމިނަލް އެކީ އޮތީ ތޮއްޖެހިފަ އެވެ. ފެރީތައް ބަރާބަށް ވަގުތުން ވަގުތަށް ދަތުރު ކުރަމުން ދިޔަ ނަމަވެސް މީހުން ގިނަ ކަމުން ޓާމިނަލުން މީހުން މަދުވާ ހެނެއް ހިއެއް ނުވެ އެވެ. ޓިކެޓް ގަތުމަށް ފަހު، ފެރީއަށް އަރަން ކިޔޫގައި ތިބި މީހުން އެހާ ގިނަ އެވެ. އަދި ޓިކެޓް ގަންނަން ކައުންޓަރު ކައިރީގައި އޮތް ކިޔޫ ވެސް އެހާދިގެވެ.

"މިތާ މިހެން ހުންނަތާ ކިހާ އިރެއް. މިތަނެކޭ މާރުކޭޓެކޭ މިހާރު އެއްވަރު. މިއަށް ވުރެ ހިދުމަތް ރަނގަޅު ކުރަން ވެއްޖެ އެއްނު،" އާއިލާ ގޮވައިގެން ފެރީއަށް އެރޭނެ ކަމުގެ އިންތިޒާރުގައި ކިޔޫގައި ހުރި މީހަކު ޝަކުވާ ކުރި އެވެ.

ފެރީތަކަށް ބާރު ބޮޑުވުމުން ބައެއް މީހުން، އެއާޕޯޓަށް ގޮސް ހުޅުމާލެއަށް ދާން ވެސް ހިޔާރު ކުރި އެވެ. އެއާ އެކު، ހުޅުލެ އިން ހުޅުމާލެއަށް ދާ ބަސް ވެސް އެހާމެ ބާރު ބޮޑެވެ. ބަހުގައި ވެސް ތިބެން ޖެހެނީ ފިތި ބާރުވެގެންނެވެ. ޗުއްޓީ ހޭދަކޮށްލަން ފަސޭހަ މާހައުލެއް އެންމެ ކައިރިން ހުޅުމާލެއިން ލިބޭ އިރު ބަންދު ދުވަހާ ދިމާކޮށް ހުޅުމާލެއަށް ދާ މީހުން އާންމުކޮށް ވެސް އިތުރުވެ އެވެ. އެހެން ނަމަވެސް އީދާ އެކު އެ އަދަދު މި ވަނީ ދެ ގުނަ އިތުރުވެފަ އެވެ.

ހުޅުލެ-ހުޅުމާލެ ބަަހަށް މީހުން އެރުވުމުގެ ކަންކަން އިންތިޒާމް ކުރުމުގައި ސިފައިން ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްޓީސީސީ އިން ބުނީ އިތުރު ފެރީތަކެއް ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް ދާން މި ވަނީ ޖަމާވެފައި. އެވަރުގެ ބޮޑު ޓްރެފިކެއް އޮތީމާ އަޅުގަނޑުމެން ކަސްޓަމަރުންނަށް ދަތި ނުވާނެ ގޮތަށް ކަންކަން މި އަންނަނީ ހަމަޖައްސަމުން. އެހާ ގިނަ މީހުން ވީމާ އަދިވެސް ދަތިތަކެއް ހުރެދާނެ،" އެމްޓީސީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ މުހިންމު ސަރަހައްދުތައް ކަމަށްވާ، ސެންޓްރަލް ޕާކާއި ބާބަ ކިޔޫ ހަދާ ސަރަހައްދުގައި ވަރަށް މީހުން ގިނަ އެވެ. އެތަންތަން ވެސް އޮތީ އަނެއްހެން ފުރި ބާރުވެފަ އެވެ. މީހުން ގިނަވުމުން ހުޅުމާލޭގައި ޓެކްސީ ކުރާ ފަރާތްތަކާއި ފިހާރަތަކަށް ވެސް މިއަދު ވިޔަފާރި ރަނގަޅުވެ ވަނީ ބާރު ބޮޑުވެފަ އެވެ. އެންމެ ބޮޑު އުފާވެރިކަމެއް އައިސްފައި ވަނީ ގެސްޓް ހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. ހުރިހާ ގެސްޓް ހައުސެއް ކަަހަލަ ގޮތަކަށް ދިވެހިން އައިސް ވަނީ ފުރި ބާރުވެފަ އެވެ.