އިންޑިއާ

ބޭހަށް އިންޑިއާއަށް ދާ ދިވެހިންގެ އަދަދު ދަށަށް: ރިޕޯޓް

އަވަށްޓެރި އިންޑިއާއަށް ބޭސްފަރުވާ ހޯދަން ދަތުރު ކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އިންޑިއާގެ މެޑިކަލް ޓްއަރިޒަމްގެ ފޯކާސްޓް ރިޕޯޓުން ދައްކައިފި އެވެ.

އެ ރިޕޯޓްގައިވާ ގޮތުން މީގެ ކުރިން އިންޑިއިން ބޭސްފަރުވާ ހޯދަން ދާ ގައުމުތަކުގެ ސްޓްގެ ދެ ވަނައިގައި އޮންނަނީ ރާއްޖެ އެވެ. ނަމަވެސް ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާ ހޯދަން ދާމީހުންގެ އަދަދު ދަށަށް ގޮސް، މިހާރު އެ ލިސްޓްގެ ދެ ވަނައިގައި އުޅެނީ އަފްގާނިސްތާނެވެ. މި ލިސްޓްގެ އެއް ވަނަ އަބަދުވެސް ހިއްސާ ކުރަނީ ބަނގުލަދޭޝް އެވެ.

އިންޑިއާއަށް ބޭސްފަރުވާ ހޯދަން މީހުން ދާ ގައުމުގެ ތެރެއިން އެންމެ ބޮޑު ކުރި އެރުމެއް އިންޑިއާއަށް ލިބުނީ ރަޝިޔާގެ މެކެޓުންނެވެ. އަދި މީގެ އިތުރުން ނައިޖީރިއާ އާއި އެފްރިކާގެ އެހެން ގައުމތަކުންނާއި އިރާގާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން ވެސް އިންޑިއާއަށް ބޭސްފަރުވާ ހޯދަން ދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

ޖަރުމަނާއި ފްރާންސްގެ އިތުރުން ކެނަޑާއިންވެސް އިންޑިއާއަށް ބޭސްފަރުވާ ހޯދަން ދާމީހުންގެ އަދަދު އަހަރުން އަހަރަށް އިތުރު ވަމުންދާ ކަމަށް ރިޕޯޓްގައި ވެއެވެ.

މިދިރާސާ ރިޕޯޓްގައި، އިންޑިއާއަށް ބޭސްފަރުވާ ހޯދަން އެންމެ ގިނައިން މީހުން ދާ ގައުމުތަކާއި، އިންޑިއާގައި ބޭސްފަރުވާއަށް އެންމެ ބޮޑު ހަރަދެއް ކުރާ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ 63 ގައުމެއް ވަނީ ތަރުތީބުކޮށްފަ އެވެ.

އެގޮތުން އެލިސްޓްގެ އެއް ވަނައިގައި އެމެރިކާގެ ލިސްޓް ކޮށްފައިވާއިރު ރާއްޖެ އުޅެނީ އެ ލިސްޓްގެ 45 ވަނައިގަ އެވެ.