ރާއްޖެ ގެނައި އިންޑިއާގެ މަސައްކަތްތެރިންތަކެއް ހާލުގައި ޖެހިފައިވާތީ އެ މީހުން ސަލާމަތްކޮށްދިނުމަށް އެދިއްޖެ އެވެ.
މިމައްސަލަ ފެންމަތިކޮށްފައިވަނީ އިންޑިއާގެ ނޫސްތަކެއްގައެވެ. ދިވެހި ސަރުކާރުގެ އިދާރާއަކުން އަދި މިމައްސަލައިގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ރާއްޖޭގައި ހާލުގައި ޖެހިފައި ތިބީ 40 އަކަށް މީހުންނެވެ. އެ މީހުން ސަލާމަތްކޮށްދިނުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސްވެ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން ހާލުގައި ޖެހިފައިވާ މީހުން ރާއްޖެ ގެނައީ ދިވެހި އަމިއްލަ ކުންފުންޏަކުން އިމާރާތެއް އެޅުމަށްޓަކައި މިދިޔަ ޖޫން/ޖުލައި ހިސާބު ގައެވެ. ނޫހުގައިވާ ގޮތުން އެމީހުންނަށް ފުރަތަމަ މަހު މުސާރަ ދިނުމަށްފަހު ދެން މުސާރަ ދީފައެއް ނުވެ އެވެ.
އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ އެކި ހިސާބުތަކަށް ނިސަބަތްވާ މި މީހުންނަށް މުސާރަ ނުދިނުމުން އިހްތިޖާޖު ކުރުމާ އެކު އެ މީހުން ތިބި ތަނުން ކަރަންޓް ކަނޑާލާފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
ދިވެހި ކުންފުންޏަކުން ގެނައި ބައެއް ކަމަށް އިންޑިއާ ނޫސްތަކުގައި ރިޕޯޓް ކުރި ނަމަވެސް އެ ކުންފުނީގެ ނަމެއް އަދި އެމީހުން ތިބި ތަނެއް ނޫސްތަކުގައި ބުނެފައެއް ނުވެ އެވެ.
ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނެސް ގަވައިދުން މުސާރަ ނުދޭ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.