ހަބަރު

އޮޅުވާލައިގެން ރާއްޖެއަށް ބިދޭސީން ފޮނުވާ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

Oct 23, 2019
3

ރާއްޖޭން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނަގައި ހިއުމަންޓްރެފިކިން ކުރަމުންދިޔަ މީހަކު އިންޑިއާ އިން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އިންޑިއާގެ ސެންޓްރަލް ކްރައިމް ބްރާންޗުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ 40 އަހަރުގެ ޝަމްބޫ ބާބޫގިރީ ނަމަކަށް ކިޔާ ނޭޕާލް މީހެކެވެ.

އޭނާ ހައްޔަރު ކުރުމުގެ އިތުރުން، ބެންގަލޫރުގައި ހުރި ހޮޓަލެއްގައި ބައި ތިއްބާފައިތިބި ނޭޕާލުގެ ޒުވާނުންތަކެއްވެސް ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ނުވަ މީހަކު ހިމެނެ އެވެ.

ރާއްޖޭން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ އެ ނުވަ މީހުން އަތުން، ބޮލަކަށް 300،000 އިންޑިއާ ރުޕީސް ބާބޫގިރީ ނަގާފައިވާ ކަމަށް އިންޑިއާ ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ބާބޫގިރީ އަކީ އާރުޕީ ޝަރުމާ ކިޔާ މީހަކާ ގުޅިގެން، ވަޒީފާ ދޭނެ ކަމަށް ބުނެ ރާއްޖެއަށް މީހުން ފޮނުވާ އެ މީހުންގެ ޕާސްޕޯޓުތައް އަތުލައި، މުސާރަ ނުދީ ރާއްޖޭގައި ވަޒީފާ އަދާކުރުވާ މީހެއް ކަމަށެވެ.

ބާބޫގިރީގެ މަސައްލަ ފެންމަތިވީ، އޭނާ ރާއްޖެއަށް ފޮނުވި ބަޔަކު ރާއްޖޭގެ އިމިގްރޭޝަނުން ހިފަހައްޓައި، އަނބުރާ ބެންގަލޫރަށް ފޮނުވާލުމުން ކަމަށް އިންޑިއާ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން އިތުރަށް ބުނެފައިވެ އެވެ.

އިންޑިއާ ފުލުހުން މިހާރު ދަނީ ބާބޫގިރީ އާއެކު އެކަމުގައި ބައިވެރިވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އިމިގްރޭޝަނުން ލަފާ ކުރާ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ މައްޗެވެ. އެކަމަކު އެއީ ރަސްމީ އަދަދެވެ. ނުރަސްމީ އަދަދު އޭގެ ދެ ގުނައަށް ވުރެ މަތިވާނެކަމަށް ބައެއް ފަރާތްތަކުން އަންދާޒާ ކުރެ އެވެ.

ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ދީފަ އެވެ.