ހަބަރު

އިންޑިއާއަށް ވިސާ ނުދޭ މައްސަލަ ޓޫރިޒަމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު

Jul 5, 2018
9

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ވިސާ އާއި ވާކް ޕާމިޓް އާ ނުކޮށްދޭ މައްސަލަ ހައްލު ކުރަން އިންޑިއާ އިން މަސައްކަތް ކުރާއިރު، އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ އޭގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރުން ވަރަށް ގާތްކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ވިސާ މައްސަލަ ހައްލު ކުރަން އިސް ނަގާ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ވަނީ މިދިއަ މަހު ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. އެ ސިޓީގައި، ވިސާ ނުލިބިގެން އިންޑިއާ މީހުންނަށް ދިމާވެފައިވާ ދަތިތައް ހިއްސާ ކުރައްވައި މައްސަލަ ހައްލު ކޮށްދެއްވަން އެދިވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހާރިޖީ ބޭފުޅުންނާއެކު ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ.

މިހާތަނަށް އެ މައްސަލައަށް ހައްލެއް ލިބިފައިނުވާއިރު، ވިސާ ނުލިބިގެން އެތަކެއް ސަތޭކަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

"އަޅުގަނޑުމެންނަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން އެ މީހުންނަށް [ދިވެހި ސަރުކާރަށް] ކިޔައި ދެވޭތޯ. ވިސްނައިދެވޭތޯ. އެކީގައި މަސައްކަތް ކުރެވޭތޯ ވިސާތައް ދޫކުރަން. ވިސާ ނުދޭ މައްސަލާގައި އަޅުނގަނޑުމެންނަށް ގަދަބާރުން، މަޖުބޫރު ކޮށްގެން އެކަން ކުރުވޭނެ ގޮތެއް ނޯންނާނެ،" އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

"މީގެ އިތުރުން ވެސް، އެހެން ގައުމުތަކުގެ އެހީގައި ވިސްނައި ދެވޭތޯ މިކަމުގެ ސަބަބުން [ރާއްޖޭގެ] ޓޫރިޒަމަށް ވެސް އަސަރުކޮށްފާނެ ކަމަށް." ޓޫރިޒަމަށް އަސަރުކޮށްފާނެ ކަމަށް އިންޑިއާ އިން ބުނިއިރު، 80،000 ވުރެ ގިނަ ޓޫރިސްޓުން ވަނީ މިދިޔަ އަހަރު ވެސް ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ވޯކް ވިސާ މައްސަލާގައި "އަވަސް" އާ މީގެ ކުރިން ވާހަކަ ދެއްކި ބައެއް ކުންފުނިތަކުން ބުނީ މިދިޔަ މާޗު މަހުން ފެށިގެން އިންޑިޔާ މީހުންނަށް ވިސާ ދިނުން ހުއްޓާލާފައިވާ ކަމަށާއި އެ ގައުމުން އެއްވެސް މީހަކު ނުގެނެވޭ ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ދަތިތަކެއް ވަމުން އަންނަ ކަމަށް ވެސް އެ ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

އެގޮތުން ގާތްގަނޑަކަށް 29،000 އިންޑިޔާ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރާ އިރު 2000 މީހުން ވިސާ ހޯދުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް ހަމަޖައްސައި ނުދީ ހިފަހައްޓާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ލަފާކޮށްފަ އެވެ.

ނަމަވެސް، ރާއްޖޭގެ އިމިގްރޭޝަނުން ވަނީ ތަކުރާރުކޮށް މި ވާހަކަތައް ދޮގު ކޮށްފަ އެވެ. އިންޑިއާ މީހުންނަށް ވިސާ ނުދިނުމަށް ރަސްމީ ކޮށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި އެފަދަ ޝަކުވާއެއް ވެސް ނެތް ކަމަށް، އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބުނެ ފަ އެވެ.

ދެ ގައުމުގެ ގުޅުން ވަރަށް ބޮޑުތަން ހީނަރުވެފައިވާ ދަނޑިވަޅެއްގައި، އިންޑިޔާގެ ދެ ހެލިކޮޕްޓަރ ވެސް އަނބުރާ ފޮނުވާލަން ދިވެހި ސަރުކާރުން ވަނީ އެ ގައުމަށް އަންގައިފަ އެވެ. އަދި އިންޑިޔާ އިން ވެސް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އަންނަ ރިޔާސީ އިންތިހާބާ މެދުވެސް ސުވާލު އުފައްދައިފަ އެވެ.