ޓޫރިޒަމް

އިންޑިއާ ފަހަތަށް ޖައްސާލުމަށްފަހު މާކެޓްގެ ފަސްވަނައަށް ޖަރުމަނު

އިންޑިއާ ފަހަތަށް ޖައްސާލުމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ފަސްވަނައަށް ޖަރުމަނު އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުން ރާއްޖެއަށް 28،674 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިއަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 443،128 ފަތުރުވެރިންގެ 6.5 ޕަސަންޓެވެ.

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.

އެ ގައުމުން މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 28،017 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 15.9 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 55،641 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރަޝިއާއިން 43،382 ފަތުރުވެރިން އައިސްފައިވާއިރު އިޓަލީވިލާތުން 42،484 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 39،960 ފަތުރުވެރިން އައިސްފައިވެ އެވެ.