ހަބަރު

އިންޑިޔާ މީހުނަށް ވޯކް ވިސާއެއް ނުލިބޭ!

Jun 14, 2018
20

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ އިންޑިޔާ ރައްޔިތުންނަށް ވޯކް ވިސާ ދިނުން އިމިގްރޭޝަނުން ހުއްޓާލައިފި ކަމަށް ބުނެ އަޑުތައް ފެތުރި، އަދި ބައެއް ފަރާތްތަކުން އެ ވާހަކަތައް މީޑިއާގައި ވެސް ދައްކަމުން ދަނިކޮށް މޯލްޑިވްސް އިމިގްރޭޝަނުން އެކަން ދޮގު ކޮށްފި އެވެ.

ވޯކް ވިސާ މައްސަލާގައި "އަވަސް" އާ ވާހަކަދެއްކެވި ބައެއް ކުންފުނިތަކުން ބުނީ މިދިޔަ މާޗު މަހުން ފެށިގެން އިންޑިޔާ މީހުންނަށް ވިސާ ދިނުން ހުއްޓާލާފައިވާ ކަމަށާއި އެ ގައުމުން އެއްވެސް މީހަކު ނުގެނެވޭ ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ދަތިތަކެއް ވަމުން އަންނަ ކަމަށް ވެސް އެ ކުންފުނިތަކުން ބުންޏެވެ.

މިކަން ފާހަގަކޮށް އިންޑިއާގެ ބައެއް މީހުން "ދަ ހިންދު" އަށް އެ ވާހަކަ ހިއްސާކޮށްފައި ވެސް ވެއެވެ. އެގޮތުން ރާއްޖެއިން ވޯކް ވެސާ ހޯދަން އެތަށް ފަހަރަކު މަސައްކަތް ކުރުމުން ވެސް އެ ހުއްދަ ނުދޭ ކަމަށާއި ބޮޑެތި ކުންފުނިތަކުން މީހުން ހޯދުމަށް ކުރާ އިސްތިހާރުތަކުގައި ވެސް "އިންޑިޔާ ރައްޔިތުންނަށް ފުރުސަތެއް ނެތް" ކަމަށް ބުނާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ރިސޯޓު ހިންގާ ކުންފުންޏެއް ކަމަށްވާ، މާރިއޮޓް އިން ވެސް 18 މީހުން ހޯދުމަށް ކުރި އިއުލާނުގައި އިންޑިޔާ ރައްޔިތުންނަށް ވޯކް ވިސާ ނުދޭ ކަމަށް ބުނާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެގޮތުން ގާތްގަނޑަކަށް 29،000 އިންޑިޔާ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރާ އިރު 2000 މީހުން ވިސާ ހޯދުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް ހަމަޖައްސައި ނުދީ ހިފަހައްޓާފައިވާ ކަމަށް ވެސް އެ ނޫހުގައި ވެއެވެ.

މި އަޑުތައް ފެތުރި އަދި ނޫސްތަކުގައި ވެސް އެ ވާހަކަ ލިޔެފައި ވަނިކޮށް މިއަދު އިމިގްރޭޝަންގެ މީޑިއާ އޮފިޝަލެއް ކަމަށްވާ ހަސަން ހަލީލް ވިދާޅުވީ ރަސްމީ ކޮށް އެފަދަ ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި އަޑު ފެތުރިފައިވާ ގޮތަށް އެއްވެސް ޝަކުވާއެއް ވެސް ނެތް ކަމަށެވެ. އިތުރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ވޯކް ވިސާ ނުދޭން ނިންމާފައިވާ އިރު އިންޑިޔާގެ ދެ ހެލިކޮޕްޓަރ ވެސް އަނބުރާ ފޮނުވާލަން ދިވެހި ސަރުކާރުން ވަނީ އެ ގައުމަށް އަންގައިފަ އެވެ. އަދި އިންޑިޔާ އިން މިއަދު ވެސް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އަންނަ ރިޔާސީ އިންތިހާބާ މެދުވެސް ސުވާލު އުފައްދައިފަ އެވެ.