ބޭރު ކުޅިވަރު

ލާޒިއޯގެ ކޯޗް ކަމާ ހަވާލުވިތާ ދެ ދުވަސް ފަހުން ބިލްސާ އިސްތިއުފާދީފި

އިޓަލީގެ ލާޒީއޯގެ ކޯޗް ކަމާ ހަވާލުވިތާ ދެ ދުވަސް ފަހުން އާޖެންޓީނާގެ މާސެލޯ ބިލްސާ ކޯޗް ކަމުން އިސްތިއުފާ ދީފިއެވެ.

ލާޒިއޯގެ ކުރީގެ ކޯޗް ސްޓެފެނޯ ޕިއޯލީ މަގާމުން ވަކި ކުރުމަށްފަހު، ބިލްސާއާ ކޯޗް ކަން ހަވަލު ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އިއްޔެ އޭނާ ކޯޗް ކަމުން އިސްތިއުފާ ދީފައިވާއިރު، ކޯޗް ކަމުގެ މަސައްކަތައް ރަސްމީކޮށް ނުކުންނަން ހަމަޖެހިފައިވަނީ މިއަދު ކަމަށް ލާޒިއޯއިން ބުންޏެވެ.

މިކަމާ ބެހޭގޮތުން ލާޒިއޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލާޒީއޯގެ ކޯޗް ކަމާ ހަވާލުވެ ދެ ދުވަސް ފަހުން ބިލްސާ އިސްތިއުފާ ދިނުމުން ހައިރާންވި ކަމަށެވެ.

"އަދި މިއީ ކުލަބާ އޭނާއާ ދެމެދު ވެވުނު އެއްބަސްވުމުގައި ހިމެނޭ ކަންތައްކަށް ބަލާއިރު ހިލާފު ކަމެއް،" ލާޒިއޯގެ ބަޔާނުގައި ބުނެފައެވެ.

އެކުލަބުން ބުނީ ބިލްސާ އިސްތިއުފާ ދިން އިރު، އޭނާގެ އެގްރިމެންޓް އިޓަލީގެ އެފްއޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ކުރިން ފްރާންސްގެ މާސެލޭގެ ކޯޗް ކަމުގައި ހުރި ބިލްސާ ވަނީ މިދިޔަ ސީޒަންގެ ފުރަތަމަ މެޗަށްފަހު، އެޓީމުގެ ކޯޗް ކަމުން އިސްތިއުފާ ދީފައެވެ.

ބިލްސާ، 60 ވަނީ އާޖެންޓީނާގެ ކޯޗްކަން 1998 ން 2004 ވަނަ އަހަރާ ހަމައަށްކޮށްފަ އެވެ. ދެހާސް ހަތަރުވަނަ އަހަރު ވަނަ އަހަރު ގްރީސްގެ އެތެންސްގައި ބޭއްވި އޮލިމްޕިކް މުބާރާތް އާޖެންޓީނާގެ 23 އހަރުން ދަށުގެ ޓީމަށް ކާމިޔާބުކޮށްދިނީ ބިލްސާ އެވެ. އަދި އޭނާ ވަނީ އެ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދީފަ އެވެ.

ބެލެވޭ ގޮތުގައި ބިލްސާ އިސްތިއުފާ ދިނީ އާޖެންޓިނާގެ ކޯޗް ކަމާ ދެ ވަނަ ފަހަރަށް ހަވާލު ވުމަށެވެ.

ކޮޕާ އެމެރިކާގެ ނާކާމިޔާބަށް ފަހު، އާޖެންޓީނާގެ ކޯޗް ކަމުން ޖެރާޑޯ މާޓިނޭޒް ވަކިކުރުމުގެ ވާހަކަތައް ވަނީ ގަދަ ވެފައެވެ.