ގޯލްޑް ކަޕް

ގޯލްޑް ކަޕް: ފުޓުބޯޅައަށް ގެނައި އުއްމީދުގެ އަލިކޮޅު ނިއްވާނުލާތި

ދިވެހި ފުޓުބޯޅައިގެ ތާރީހުގައި އަނެއްކާވެސް ފުޓުބޯޅައިގެ ފޯރި މުޅި ގައުމުގައި ވަކިހިއްޕާލައިފި އެވެ. ގިނަ ދުވަސްތަކެއް ވަންދެން ވަޅުޖެހި، އަނދިރިކަމުގެ ތެރެއަށް ވެއްޓިފައި އޮތް ދިވެހި ފުޓުބޯޅައަށް އާ އުއްމީދެއްގެ އަލިކަމެއް ގެނުވައިފި އެވެ.

މިއީ 90 ޕްލަސްއިން އިންތިޒާމުކޮށްގެން ބޭއްވި ގޯލްޑް ކަޕް 2024ގެ ސަބަބުން އައި ފޯރިއާއި ޖޯޝެއްކަން ޔަގީނެވެ.

ގޯލްޑް ކަޕަކީ ހަމައެކަނި ފުޓުބޯޅަ މުބާރާތެއް ނޫނެވެ. މިއީ ދިވެހި ފުޓުބޯޅައިގެ ހިތްތަކުގައި އަނދަމުންދިޔަ އުއްމީދުގެ ހުޅުކޮޅު އަލުން ރޯކޮށްލި މުބާރާތެކެވެ. ދިވެހިންގެ މެދުގައި ފުޓުބޯޅައަށް އޮންނަ ލޯބި އަލުން އާކޮށް، ގަލޮޅު ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ އަމާޒުގައި ބޭއްވުނު މި މުބާރާތް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

އަހަރުތަކަކަށްފަހު ގަލޮޅު ދަނޑަށް އަނެއްކާވެސް އެތައް ސަތޭކަ ސަޕޯޓަރުންނެއް ޖަމާކޮށްދިނީ ގޯލްޑްކަޕް އިންތިޒާމު ކުރި ބޭފުޅުންނެވެ. ދަނޑުގެ ބޭރުން މުޅި ރާއްޖޭގައި ފުޓުބޯޅައިގެ ފޯރި އަލުން ގަދަވެގެންވެސް ދިޔަ އެވެ. އެތައް ހާސް ބަޔަކު ޓީވީއާއި މީސްމީޑިއާގެ ޒަރީއާއިން މެޗުތައް ބަލަމުން ދިޔަ އެވެ. މި މުބާރާތުން ދިވެހި ފުޓުބޯޅައަށް ވަގުތީ ގޮތުން ނަމަވެސް އުއްމީދާއި ދިރުން ގެނެސްދިނެވެ.

ގޯލްޑް ކަޕުން ދިވެހި ފުޓުބޯޅައަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ހުނަރުވެރި އެތައް ޒުވާން ތަރިންނެއްގެ ކުޅުން ފެނިގެން ދިއުމެވެ. މި މުބާރާތުން ރާއްޖޭގައި ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން ތިބިކަން ކަމާބެހޭ ފަރާތްތަކަށް ހަނދާންކޮށްދިނެވެ. އަދި ދިވެހި ފުޓުބޯޅަ އާއިލާ އެއްފަހަރު ހެއްވާލައިދިނެވެ.

ނަމަވެސް މިހާހިސާބުން މި މަސައްކަތް ނިމުނީ ކަމަށް ދެކިގެން ނުވާނެ އެވެ. މި މުބާރާތުން ފެށިގެން އައި އުއްމީދުގެ އަލިކޮޅު ނިވިގެން ދިއުމަށް ފުރުސަތު ދީގެން ނުވާނެ އެވެ. ދިވެހި ފުޓުބޯޅަ އަލުން ނަގައި ކޮޅަށް ޖެހުމަށް އާ ހިތްވަރެއް ލާންޖެހެ އެވެ. މި މުބާރާތުން ފެށިގެން އައި ހަރަކާތްތެރިކަމާއި ޝައުގުވެރިކަން ދެމެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެ އެވެ.

ގޯލްޑް ކަޕް 2024 އިން ދައްކައިދިނީ ދިވެހިންގެ ހިތްތަކުގައި ފުޓުބޯޅައަށް އޮތް ލޯބި އަދިވެސް ދިރިއޮތްކަމެވެ. މި ލޯތްބަކީ ދިވެހި ފުޓުބޯޅަ އަލުން ކުރިއެރުވުމަށް ބޭނުންވާ އެންމެ މުހިއްމު ވަސީލަތެވެ. މި ލޯބި ދިރުވައި، އާލާކޮށް، ކުރިއަށް ގެންދިއުމަށް ދިވެހި ފުޓުބޯޅަ އާއިލާއިން އިސްނަގައިގެން ކަށިން ހިތްވަރު ނެރެގެން ހިތާ ރޫހުން މަސައްކަތް ކުރަން ޖެހެ އެވެ.