ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ އާއި ބަންގްލްދޭޝްގެ މެޗު މިއަދު

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސަރަހައްދީ ބޮޑު ފުޓްބޯޅަ މުބާރާތް -- ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް މިއަދު މެންދުރުފަހު ބައްދަލުކުރާނެ އެވެ.

މި މެޗް ކުޅެވޭނީ ރާއްޖޭގެ ގަޑިން މެންދުރުފަހު 2:30 ގައެވެ.

ރާއްޖެ ވަނީ މީގެ ކުރިން ބޫޓާނާއި ކުޅެ 2-0 އިން މޮޅުވެފަ އެވެ. އެ މެޗުން ރާއްޖެ މޮޅުވި ނަމަވެސް ރާއްޖޭގެ ޓީމަށް ބޫޓާންގެ ފަރާތުން ގިނަ ހަމަލާތަކެއް ކުރިމަތިވި އެވެ.

"އަހަރެމެން މޮޅުވުމުން ހިތްހަމަޖެހޭ. ނަމަވެސް މިއީ އަހަރެމެންގެ އެންމެ ރަނގަޅު ކުޅުމެއް ނޫން މިއަދު ދެއްކުނީ،" ދިވެހި ގައުމީ ޓީމް ގެ ކޯޗް މޮރިއޭރޯ އެ ދުވަހުގެ މެޗަށްފަހު ބުނެފައިވެ އެވެ.

އަނެއްކޮޅުން ބަންގްލްދޭޝްގެ ފުރަތަމަ މެޗުގައި ލެބަނަން އާއި ކުޅެ 2-0 އިން ވަނީ ބަލިވެފަ އެވެ. އެހެންކަމުން މި މެޗަކީ ބަންގްލަދޭޝް އިން ކުރިއަށް ދިއުމަށް މޮޅެއް ހޯދުމަށް މުހިންމު މެޗެކެވެ.

ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗް ކާމިޔާބްކޮށްފައިވަނީ ދިވެހިރާއްޖެ އެވެ. މި ދެ ޓީމު އެންމެ ފަހުން މިދިޔަ އަހަރު މާޗްގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ މޮޅުވެފައިވަނީ 2-0 އިންނެވެ. ބަންގާޅުގެ ފުރަތަމަ މެޗުން ބަލިވެ ރާއްޖެ ފުރަތަމަ މެޗުން މޮޅުވެފައިވުމުން، މިއަދުގެ މެޗުން ބަންގާޅުން ކޮންމެހެން މޮޅެއް ހޯދުމަށް ޕްރެޝަރު އޮތުމުން ރާއްޖެއަށް އެޑްވާންޓޭޖް ތަކެއް އެބައޮތެވެ.

މިއަދުގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފަސޭހަކަމާއެކު މި މުބާރާތުގެ ސެމީ ފައިނަލް ކަށަވަރުވެގެންދާނެ އެވެ.
ބަންގްލަދޭޝް އަކީ ބޫޓާން ގޮތަށް ހަލުވި ކުޅުމެއް ކުޅޭ ޓީމަކަށް ނުވުމުން ރާއްޖެ އަށް މިއަދު ތަފާތު ކުޅުމެއް ދެއްކިދާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންމަވެސް ބަންގްލަދޭޝް މެޗް ވެގެންދާނީ އަނެއްކޮޅުން ފިޒިކަލީ ގޮތުން ރާއްޖެއަށް ބޫޓާނަށްވުރެ އުނދަގޫ މެޗަކަށެވެ.

މި މުބާރާތުގައި އިއްޔެ އިންޑިއާ އިން ނޭޕާލްގެ މައްޗަށް 2-0 އިން ކުރި ހޯދައި އެ ގުރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ވަނީ ސެމީ ފައިނަލް ކަށަވަރުކޮށްފަ އެވެ. އެފަޅިން އެއްވަނަ ހޯދައި ސެމީފައިނަލްގެ އަނެއް ޖާގަ ކަށަވަރު ކޮށްފައިވަނީ އިއްޔެ ކުޅުނު އަނެއް މެޗުން ޕާކިސްތާން 4-0 އިން ބަލިކޮށް ކުވައިތެވެ.

ދިވެހި ސަޕޯޓަރުންގެ އެދުމަކީ މިއަދު ދިވެހި ޓީމު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުން ފުރިހަމަ ކާމިޔާބެއް ގައުމީ ޓީމަށް ލިބުމެވެ.