މީގެ ދެ ދުވަހެއް ކުރިން ސާފް ގޭމްސްގައި ރާއްޖެ އާއި ބޫޓާނާ ދެމެދު ކުޅުނު މެޗް ނިމުނީ 2-0 އިން ރާއްޖެ މޮޅުވެގެންނެވެ. ނަމަވެސް އެ މެޗް ބަލާފައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ މެދު އެތައް ސުވާލެއް މި ކުޅިވަރަށް ލޯބި ކުރާ މީހުން ހިތަށް އަރާނެކަން ޔަގީނެވެ.
ރަނަގޅެވެ. ރާއްޖެ މެޗުން މޮޅުވުމުގެ ހިތްހަމަޖެހުން ރާއްޖެ އަށް އެބައޮތެވެ. އެކަމަކު ރާއްޖޭގެ ކުޅުމުގެ ފެންވަރު މޮޅުވެގެން މޮޅުވީތޯ ނުވަތަ ނަސީބަކުން ސަލާމަތްވީތޯ އެއީ ހަމަ ކޮންމެ މީހެއްގެވެސް ހިތަށް އަރާނެ ސުވާލެކެވެ.
މެޗްގެ ވަރަށް ކުރީ ކޮޅު ހަމްޒާ މުހައްމަދު (ހަމްޕު)ގެ އަމިއްލަ ހުނަރުން މެދުތެރެއިން ލިބުނު ބޯޅައެއް ނައްޓުވަމުން ގޮސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގޯލަށް ޖަހަން އުޅެނިކޮށް ބޫޓާން ޑިފެންސުން ކުރި ފައުލަކުން ޕެނަލްޓީ އެއް ލިބިގެން ދިޔައީ އެވެ.
ފުޓްބޯޅަ މެޗެއްގައި އާންމުކޮށް ގޯލް ޖެހުމަށްފަހު ޓީމް ރިލެކްސް މޯޑަށް ދިއުމަކީ ނަފްސާނީ ގޮތުން ދިމާވާ ކަމެކެވެ. ނަމަވެސް ކޯޗުގެ އިރުޝާދަކީ އެގަޑީގައި ޓީމު ހަމައަކަށް އަޅުވައި އިތުރަށް ވަރުގަދައަށް ކުޅުވުމަށް އިރުޝާދު އަންނަންޖެހޭ ވަގުތެކެވެ. އެއީ ގޯލް ޖެހުމާއެކު އިދިކޮޅުން ކުޅުމުގެ ފެންވަރު މައްޗަށް ޖައްސަން ނަފްސާނީ ގޮތުން އެމީހުންނަށް މަޖުބޫރު ކުރުވާނެތީ އެވެ. ކަންވީވެސް އެހެންނެވެ. ބޫޓާން ދިޔައީ އެހައި ހިސާބުން ގޯލް ޖެހުމަށް ގަދައަށް މަސައްކަތް ކުރަމުންނެވެ. ދިވެހި ޓީމު އެ ހާފްގައި ސަލާމަތްވީ ކިރިއަކިރިއާ ނަސީބުވެސް އެހީވެގެންނެވެ.
އެވަގުތު ދިވެހި ޓީމުގެ ކުޅުން ފެނިގެންދިޔައީ ހާސްވެ ޕްރެޝަރަށް ވެއްޓިފައިވާ ތަނެވެ. ކުޅުންތެރިންގެ ނަފްސާނީ ބަލިކަށިކަން ފެނިގެންދިޔަ އެވެ. ބޭކާރު ޕާސްތަކާއި ހިތްހަމަނުޖެހުން ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެންދިޔަ އެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނަކީ 200 ޕަސެންޓް ދީގެން ކުޅޭ އެންމެ ޕާހެއްވެސް ބޭކާރުކޮށް ނުލާ ކުޅުންތެރިންނަށް ވާން މިކުޅިވަރަށް މަރުދޭ ދިވެހި ސަޕޯޓަރުން އެދޭނެކަން ޔަގީނެވެ.
"ޓީމްގެ އިންޑިވިޑުއަލް ކުޅުންތެރިންގެ ހުނަރަށް އެއްޗެކޭ ބުނާކަށް ނެތިން. ނަމަވެސް ޓީމެއްގެ ގޮތުގައި މިދަނީ ބޮޑެތި މައްސަލަ ފާހަގަވަމުން،" ދިވެހި ފުޓްބޯޅަ ކޯޗެއް ކަމުގައިވާ ސޮބާހް މުހައްމަދު (ސޮބާ) މެޗްގެ ކޮމެންޓްރީގައި ބުނެފައިވެ އެވެ.
ސޮބާ ފާހަގަކުރީ ވަރުގަދަ ފްރެންޑްލީ މެޗްތައް ޓީމު ނުކުޅު ޓީމު އެކުލަވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. ސޮބާގެ ވާހަކައިގައި އިތުރަށް ފާހަގަކުރީ ވަރުގަދަ މެޗްތައް ކުޅެގެން ޓީމުގެ ގުޅުން ވަރުގަދަވެ އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިއަކަށް ދަސްވުމާއި ކުޅުމުގެ ގުޅުން ބޮޑުވެގެންދާނެ ކަމެވެ.
އިޓަލީގެ ކޯޗް މޮރިއޭރޯގެ ޕްލޭނާއި ޓީމުގެ ފޯމޭޝަން ކިތަންމެހާވެސް ރަނގަޅެވެ. ނަމަވެސް އެކަން ކުރަން ރާއްޖޭގައި ތިބި އެންމެ ވަރުގަދަ އެންމެ މޮޅު ކުޅުންތެރިން ލައިގެން މެނުވީ ޒަމާނީ ވަރުގަދަ ފުޓްބޯޅައެއް ނުކުޅެވޭނެ އެވެ. ރާއްޖޭގައި ތިބި ފިޒިކަލީ ވަރުގަދަ ހުނަރުވެރި ކުޅުންތެރިން ނަގައިގެންތޯ މިކަންވާނީ ނުވަތަ ފިޒިކަލީ ދަށް ނަމަވެސް ހުނަރު ހުރި ކުޅުންތެރިން ލައިގެން މިކަން ކުރެވިދާނެތޯ މިއީ ފާއިތުވި ތަނުގައި ދިވެހި ފުޓްބޯޅަ ސިލެކްޝަން ޕްރޮސަސްގެ ތެރޭގައި ދިމާވަމުން އަންނަ މައްސަލައެއްކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.
ބޫޓާނަކީ ރާއްޖެ އާއި ކުޅެން ފާއިތުވި ތަނުގައި ޖެހިލުންވި ޓީމެކެވެ. ދަނގަޑޭމެންގެ ރަންޒަމާނުގައި އޭރުގައި އޮތް ޓީމުގައި ހިމެނޭ ފޯވަޑުން ކަމަށްވާ އިސްމާއިލް މުހައްމަދާއި މުހުތާރު (ޓޫކިލޯ) އާއި އެޓޭކިން މިޑްފީލްޑަރު ފަޒީލް (އޮއްޕޮ) މި ކުޅުންތެރިން ދެކެ މުޅި ސަރަހއްދު ޖެހިލުންކޮށްލި ވަރުގަދަ މޮޅަށް ކުޅުނު ކުޅުންތެރިންނެވެ. މިއަދުގެ ޓީމުގައި ނާއިޒް (ދާދު) އަކީ އެފަދަ ކުޅުންތެރި އެކެވެ. ބޫޓާން މެޗްގައި ކީޕަރު ކަޓުވައި ޖެހި ގޯލުން އެކަން ސާބިތުކޮށްދެ އެވެ. ނަމަވެސް ބޫޓާނުން ބުރާސްފަތި ދުވަހުގެ މެޗްގައި ރާއްޖެ ދެކެ ކުޑަކޮށްވެސް ޖެހިލުން ވެގެންދިޔަ ތަނެއް ނުފެނުނެވެ. ފެނިގެން ދިޔައީ ފުލުފުލުން ދިވެހި ޓީމަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ.
ރާއްޖޭގެ ޓީމުގެ މެދުތެރެ ބަލަހައްޓަމުން އަންނަ އައިހަމްގެ ވިސްނުންތެރި އެޓޭކިން މިޑްފީލްޑް ރޯލް މި މެޗްގައިވެސް ފާހަގަވެގެންދިޔަ އެވެ. ނަމަވެސް ޖުމްލަކޮށް ރާއްޖޭގެ ފަހަތާއި މެދުތެރެއިން މިއަށް ވުރެ ވަރުގަދައަށް ކުޅެގެން ނޫނީ ބަންގްލަދޭޝް އަދި ލެބަނަން އަތުން މޮޅެއް ހޯދުން ދުރެވެ. އަދި ރާއްޖޭގެ ފޯވަޑުންގެ ފަރާތުން މިހާރަށްވުރެ ވަރުގަދަ ކުޅުމެއް ފެންނަންޖެހެ އެވެ. މިދައްކަނީ ގައުމީ އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުގެ ވާހަކަ އެވެ. ދިވެހިން އެންމެ ގަޔާވާ އެންމެ ލޯބިވާ ކުޅިވަރުގެ ވާހަކަ އެވެ. ދިވެހި ގައުމީ ޓީމުގެ ފަރާތުން 2007 އާއި 2018 ގައި ފެނުނު ރަންޒަމާނުގެ ވަރުގަދަ ކުޅުމަށް ދިވެހި ސަޕޯޓަރުން އަބަދުވެސް އެދޭނެ އެވެ.
ކުރިއަށް ހުރި މެޗް ތަކުގައި ދައްކާ ކުޅުމަށް އިންތިޒާރު ކުރަމާ ހިނގާށެވެ. ދިވެހިން އެދެނީ ދިވެހިންގެ މި ގަދަ ކުޅިވަރުގައި މި މުބާރާތުގައި މިއަށްވުރެ ވަރުގަދަކޮށް ކުޅެ އިތުރު ކާމިޔާބެވެ. ކުޅުންތެރިންގެ ފެންވަރުން އެކުޅުންތެރިން ދެއްކި ކުޅުމަށް ހަމަ އައްސަރިބަހާއި ސާބަހެވެ. އިތުރަށް ހިތްވަރު ކުރާށެވެ. ދިވެހިން ތިބީ ދިވެހި ޓީމާއެކު އެވެ.