ދެކުނު އޭޝިއާ ގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ އަދި ރާއްޖެ ދެ ފަހަރު ތަށި ހޯދާފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިއަދު އިންޑިއާގެ ބެންގަލޫރުގައި ފެށިގެންދާނެ އެވެ.
މިއަދު މެންދުރު ފަހުން ތިނެއް ޖަހާއިރު ނޭޕާލް ކުޅެން ހަމަޖެހިފައިވަނީ ކުވޭތާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗްގައި މިރޭ އިންޑިއާ ގަޑިން ހަތެއް ޖަހާއިރު މުބާރާތް ބާއްވާ އިންޑިއާ ކުޅޭނީ ވާދަވެރިކަން ބޮޑު ޕާކިސްތާނާއި ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕް ގައި މިފަހަރު މުޅިން އަލަށް ސަރަހައްދުން ބޭރުން ދެ ގައުމަކަށް މި މުބާރާތުގައި ކުޅުމަށް ވަނީ ހާއްސަ ދައުވަތު ދީފަ އެވެ. އެގޮތުން އޭޝިއާގެ މެދުއިރުމަތީގެ ދެ ގައުމުކަމަށްވާ ކުވައިތާއި ލެބަނަން މުޅިން އަލަށް މި މުބާރާތުގައި ފެނިގެންދާނެ އެވެ.
މި މުބާރާތުގައި މާދަމާ ރާއްޖެ ކުޅޭ ފުރަތަމަ މެޗް ކުޅޭނެ އެވެ. ރާއްޖެ ވާދަކުރާނީ ބޫޓާން އާއެވެ.
ދިވެހި ޓީމް ވަނީ މެއި 21ގައި ތަމްރީން ފަށައި ޖަޕާންގައި ވެސް ޓްރޭނިން ކޭމްޕެއް ބާއްވާފަ އެވެ. މި ކޭމްޕް ނިންމާލީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ދިވެހި ޓީމް މީގެ ދެ ދުވަސް ކުރިން ވަނީ ސްރީލަންކާ މަގުން ބެންގަލޫރަށް ދަތުރުކޮށްފަ އެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗް ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އަދި މިމަހުގެ 28 ގައި ރާއްޖެ ވާދަކުރާނީ ލެބަނަން އާއެވެ. ރާއްޖޭގެ ޓީމް ގައި ހިމެނެނީ ދިވެހި ޕްރެމިއާ ލީގް ގައި ހިމެނޭ ފަސް ކްލަބަކުން ހޮވާލެވުނު 23 ކުޅުންތެރިއެކެވެ.
އިންޑިއާ އަށް ފަހު މި މުބާރާތް ދެ ފަހަރު ހޯދައި ރާއްޖެ ވަނީ ސަރަހައްދުގައި މި މުބާރާތުގައި އެންމެ ކާމިޔާބު ގައުމުގެ ގޮތުގައި ހިމެނިފަ އެވެ. އެހެންކަމުން ފުޓްބޯޅައިގައި އާ އުސްމިނަކަށް ދިއުމަށް މިފަހަރުގެ މުބާރާތްވެސް ރާއްޖެ އަށް ވަރަށް މުހިންމެވެ.
މުބާރާތުގެ މެޗްތައް ރޭވިފައިވާ ގޮތް
- ޖޫން 21 ހަވީރު 3:00 - ނޭޕާލް / ކުވައިތު
- ޖޫން 21 ރޭގަނޑު 7:00 - ޕާކިސްތާން / އިންޑިއާ
- ޖޫން 22 ހަވީރު 3:00 - ބަންގްލަދޭޝް / ލެބަނަން
- ޖޫން 22 ރޭގަނޑު 7:00 - ދިވެހިރާއްޖެ / ބޫޓާން
- ޖޫން 24 ހަވީރު 3:00 - ޕާކިސްތާން / ކުވައިތު
- ޖޫން 24 ރޭގަނޑު 7:00 - އިންޑިއާ / ނޭޕާލް
- ޖޫން 25 ހަވީރު 3:00 - ދިވެހިރާއްޖެ / ބަންގްލަދޭޝް
- ޖޫން 25 ރޭގަނޑު 7:00 - ބޫޓާން / ލެބަނަން
- ޖޫން 27 ހަވީރު 3:00 - ޕާކިސްތާން / ނޭޕާލް
- ޖޫން 27 ރޭގަނޑު 7:00 - އިންޑިއާ / ކުވައިތް
- ޖޫން 28 ހަވީރު 3:00 - ދިވެހިރާއްޖެ / ލެބަނަން
- ޖޫން 28 ރޭގަނޑު 7:00 - ބަންގްލަދޭޝް / ބޫޓާން
- ޖުލައި 1 ހަވީރު 3:00 - ފުރަތަމަ ސެމީ ފައިނަލް
- ޖުލައި 1 ރޭގަނޑު 7:00 - ދެވަނަ ސެމީ ފައިނަލް
- ޖުލައި 4 ރޭގަނޑު 7:00 - ފައިނަލް
ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ ޖޫން 21 އިން ފެށިގެން ޖުލައި ހަތަރު ވަނަ ދުވަހާއި ހަމައަށް އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވަ ސްޓޭޑިއަމްގަ އެވެ.