ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް 2023: ރާއްޖޭގެ ފުރަތަމަ މެޗް މިރޭ ބޫޓާނާ ދެކޮޅަށް

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް -- ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މިރޭ ބޫޓާނާ ވާދަކުރާނެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި މިމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 6:30 ގައެވެ.

ރާއްޖެއަކީ މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ގައުމެކެވެ. އެއީ 2008 އަދި 2018 އެވެ. އެހެންވެ ރާއްޖެއަކީ ސަރަހައްދުގައި ގަދަބާރެއްގެ ގޮތުގައި ބަލާ ގައުމެކެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ގައުމީ ޓީމުގެ ފަރިތަކުރުން ފެށީ މާލޭގައި ފެށީ މިދިޔަ މެއި މަހު 21 ވަނަ ދުވަހު އެވެ. އޭގެފަހުން ޖަޕާނަށް ގޮސް އެ ގައުމުގައި 10 ދުވަހުގެ ތަމްރީންތައް ފުރިހަމަކޮށްފައިވެ އެވެ.

މުބާރާތުގައި ވާދަކުރުމަށް ދިވެހި ޓީމު ބެންގަލޫރަށް ދިޔައީ މީގެ ތިން ދުވަސް ކުރިންނެވެ.

ރާއްޖޭގެ ޓީމުގެ ކޯޗަކީ އިޓަލީގެ މަޝްހޫރު ކްލަބް އިންޓަމިލާނަށާއި އިޓަލީ ގައުމީ ޓިމަށްވެސް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިއެއް ކަމުގައިވާ ފްރާންސިސްކޯ މޮރިއޭރޯ އެވެ. އެހެންކަމުން ދިވެހި ޓީމް މިރޭ ކުޅޭއިރު އިޓަލީގެ ފުޓްބޯޅައިގެ ސްޓައިލް ދިވެހި ގޮތުގައި ފެނިގެންދާނެ ކަމަށް ކުރެވޭ އުއްމީދު ބޮޑެވެ.

ދިވެހި ގައުމީ ޓީމު އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ މާޗް މަހު އެކުވެރިކަމުގެ މެޗެއްގައި ލ. އަތޮޅުގައި ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗް ރާއްޖެއިން ކާމިޔާބް ކޮށްފައިވަނީ 1-0 އިންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް އިއްޔެ ފަށާފައިވަނީ ނޭޕާލް އާއި ކުވައިތުގެ މެޗުންނެވެ. އެ މެޗް 3-1 އިން ކާމިޔާބްކޮށްފައިވަނީ ކުވޭތެވެ. އިއްޔެގެ ދެވަނަ މެޗްގައި ސަރަހައްދުގެ ވާދަވެރި ޕާކިސްތާނާއި އިންޑިއާ ކުޅެ 4-0 އިން މެޗު ކާމިޔާބު ކުރީ އިންޑިއާ އެވެ.

ޕާކިސްތާންގެ ޓީމުގެ ދެބައިކުޅަ އެއްބައި ކުޅުންތެރިންނަށް ފްލައިޓް ލިބުން ލަސްވެ ދަނޑަށް ފޯރީ މެޗު ފެށެން ދެ ގަޑިއެއްހާއިރަށް ވެފައިވަނިކޮށެވެ. ޕާކިސްތާން ޓީމު އިންޑިއާއަށް ދިއުމުގައި އިދާރީ ދަތިތައް އަދި ވީސާ ލިބުމުގައި ލަސްތަކެއްވުމުން ޓީމުގެ ދެން ތިބި ކުޅުންތެރިންނަށްވެސް އިންޑިއާ އަށް ފޯރީ މެޗް ފެށުމުގެ 12 ވަރަކަށް ގަޑި އިރު ކުރިންނެވެ.

ސާފްޗެމްޕިއަންޝިޕްގައި ސަރަހައްދުގެ ދެ ގައުމު ކަމުގައިވާ ސްރީލަންކާއާއި އަފްޣާނިސްތާނުގެ ގައުމީ ޓީމު މިއަހަރު ބައިވެރިވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ސާފުގެ ހާއްސަ ދައުވަތަކަށް ކުވައިތާއި ލެބަނަންގެ ގައުމީ ޓީމު ދަނީ މިއަހަރުގެ މުބާރާތުގައި ވާދަކުރަމުންނެވެ. ރާއްޖެ އޮތީ ލެބަނަން އާއި އެއް ގުރޫޕެއް ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާނެވެ.