ސާފް ޗެމްޕިއަންޝިޕް

ބަންގްލަދޭޝް އިން ފެށުން ރަނގަޅު ކޮށްފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރި މެޗުން ބަންގްލަދޭޝް މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗު ކޮންޓްރޯލް ކޮށްގެން ބަންގްލަދޭޝް ޓީމުން ކުޅުނު އިރު، ލަންކާ ޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅެން ވަނީ ނުކުޅެދިފަ އެވެ. ފުރަތަމަ ހާފުގައި ފެނުނީ އެންމެ ނުރައްކާތެރި ހަމަލާ އެކެވެ. ބަންގްލަދޭޝްގެ ވާތު ފަޅިން ފަހަތަށް ކުޅޭ ޔާސިން އަރަފާތު ނަގައިދިން ބޯޅައަކުން ސެންޓްރަލް ޑިފެންޑަރު ޓޮޕޫ ބަރްމާން ބޮލުން ޖަހަައި ލަންކާ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ސޫޖަން ޕެރޭރާ ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ.

މުޅި މެޗުގައި ލަންކާ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރުބަލި ކުޅުމެކެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލަންކާގެ ކޯޗު އަލާގިޗް އާމިރް ބުނީ ލަންކާގައި އެތެރޭގެ އެއްވެސް މުބާރާތެއް ނެތުމުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ޓީމަށް ކުރާނެ ކަމަށެވެ. އަލާގިރް ފާހަގަ ކުރި ފަދައިން މި މެޗުގައި ލަންކާ ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ފިޓްނެސް މައްސަލަ ފާހަގަ ކުރެވުނެވެ.

އެއާއި ހިލާފަށް ބަންގްލަދޭޝްގެ އެތެރޭގެ މުބާރާތް މީގެ ދެތިން ހަފްތާ ކުރިން ނިމުނު އިރު އެޓީމުގެ ފަރާތުން ފެނުނީ ރަނގަޅު ފިޓްނެސް އަކާއި އެކު ކުޅުންތެރިން ކުޅެމުން ދިޔަ މަންޒަރެވެ. އަދި ބަންގްލަދޭޝް ޓީމު ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ކޮމްބިނޭޝަން އެކެވެ.

ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ބަންގްލަދޭޝް ޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޓޮޕޫ ބަރްމާން އެވެ. އެއާއެކު ބަންގްލަދޭޝް ސަޕޯޓަރުންގެ އަޑުން ގަލޮޅު ދަނޑު ގުގުމާލި އެވެ. މި މެޗަށް ގިނަ އަދަެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް ވަން އިރު ދަނޑުގެ ހުޅަނގު ފަޅި އެއްކޮށް ފުރާލާފައި އޮތީ އެޓީމުގެ ސަޕޯޓަރުންނެވެ. އަދި ސްޓޭޑިއަމްގެ އިރުމަތީ ފަރާތުގައި ވެސް ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން ތަކެއް ތިއްބެވެ.

ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީ އަކީ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްކަސް ކުރި ފައުލަކާއި ގުޅިގެން ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީ އެކެވެ. އެއާއި އެކު ޑަކްސަން އަށް ވަނީ ދެ ރީންދޫ ކާޑާއި އެކު ރަތް ކާޑު ދައްކާފަ އެވެ. އޭނާއަށް ފުރަތަމަ ރީންދޫ ކާޑު ދެއްކީ ފުރަތަމަ ހާފުގައި ކުރި ފައުލަކާއި ގުޅިގެންނެވެ.

މި މެޗުގައި ބަންގްލަދޭޝް އިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމަށް ދިމާވީ ގޯލު ޖެހުމުގެ މައްސަލަ އެވެ. މި ފަހަކަށް އައިސް ލިބޭ ބޯޅަތައް ގޯލަށް ހެދުމުގެ މައްސަލަ އަކީ ބަންގްލަދޭޝް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ.