ގައުމީ ފުޓްބޯޅް ޓީމް

ރާއްޖެ-އިންޑިއާގެ އެކުވެރިކަމުގެ މެޗު މާޗު މަހު ޝިލޮންގްގައި

ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު އަންނަ މާޗު މަހުގެ 19 ވަނަ ދުވަހު ކުޅުމަށް ޝެޑިއުލްކޮށްފި އެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޝިލޮންގް ސިޓީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގަ އެވެ.

އިންޑިއާގެ ޓީމަށް މި މެޗަކީ ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިން ޓޯނަމަންޓުގެ ފައިނަލް ރައުންޑަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެކެވެ.

ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، އިންޑިއާ މާޗު 25 ގައި ބަންގްލަދޭޝްއާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިން މެޗެއްގައި ނުކުންނަން ޖެހޭނެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ރައުންޑްގައި އިންޑިއާ ހިމެނެނީ ހޮންކޮން، ސިންގަޕޫރު އަދި ބަންގްލަދޭޝްއާ އެކު ގްރޫޕް ސީ ގައެވެ.

މި މެޗަށް ރާއްޖޭގެ ޓީމު އަދި ތައްޔާރުވާން ފަށާފައި ނުވާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވެސް މިވަގުތު އޮތީ 2023 ވަނަ އަހަރު ނިމުނު ފަހުން އަދި ފެށޭގޮތް ނުވެފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުން އެންމެ ފަހުން ބައިނަލްއަގްވާމީ މެޗެއް ކުޅެފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު ބަންގްލަދޭޝްގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗެވެ. އޭރު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެފައިވެ އެވެ.