ވިޔަފާރި

މިދިއަ މަހު ރާއްޖޭން އެންމެ ބޮޑު ހޭދައެއްކުރީ ކާބޯތަކެއްޗަށް!

Feb 17, 2015

އާއްމު ގޮތެއްގައި ކޮންމެ މަހަކު ވެސް ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ބޮޑު ބަޔަކީ ތެލެވެ. އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް ތެޔޮ އެތެރެ ކުރުމަށެވެ. ނަމަވެސް ތެލުގެ އަގަށް އައި ބަދަލާއިއެކު މިކަން މިވަނީ ބަދަލުވެގެން ގޮސްފަ އެވެ. މިހާރު އެންމެ ގިނައިން ރާއްޖެއަށް އެތެރެކުރާ ބާވަތަކީ ތެލެއް ނޫނެވެ. ކާބޯ ތަކެއްޗެވެ.

ކަސްޓަމުން ބުނި ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭން ކާބޯ ތަކެތި އެތެރެ ކުރުމަށް 488 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަށެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ގާތްގަނޑަކަށް 18 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް ތެލުގެ ބާވަތްތައް އެތެރެކުރުމަށް ހޭދަކޮށްފައިވަނީ 318 މިލިއަން ރުފިޔާ އެވެ.

ކަސްޓަމުން ބުނި ގޮތުގައި ޖެނުއަރީ މަހު ރާއްޖޭން ތެލަށް ހޭދަކުރި މިންވަރު މަދުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް އެތެރެކުރި ތެލުގެ ސީއައިއެފް އަގާއި ކުއަންޓިޓީ ދަށްވެފައިވުމެވެ. މިއީ މި ވޭތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުގެ ނަތީޖާ ކަމަށް ކަސްޓަމުން ބުނެ އެވެ.

ކަސްޓަމްގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސް ބާވަތްތަކެވެ. މި މުއްދަތުގައި ރާއްޖެއަށް 361 މިލިއަން ރުފިޔާގެ ތަކެތި އެތެރެކޮށްފައިވެ އެވެ.