މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ވަސާޖިއޯއަށް

މުޅި ރާއްޖެއަށް ރީ ބްރޯޑްކާސްޓް ކުރުމަށް ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް މިއަދު ލައިސަންސް ދޫކޮށްފި އެވެ.

މިއަދު މެންދުރުފަހު، ބްރޯޑްކޮމްއިން ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ލައިސަންސް ހަވާލު ކޮށްދެއްވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބެވެ. ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގަތީ ޑިރެކްޓަރު އަހުމަދު އާދަމެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި ގޮތުގައި ކޮމިޝަނުން ބޭނުންވަނީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދޭ ރީބްރޯޑްކާސްޓަރުންތަކެއް މި ދާއިރާގައި ހަރަކާތްތެރިވުން ކަމަށެވެ.

ރީބްރޯޑްކާސްޓިންގެ ހިދުމަތް މުޅި ރާއްޖެއަށް ދިނުމަށް މިހާތަނަށް ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑާއެކު ފަސް ފަރާތަކަށް ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވެއެވެ. އަދި އަތޮޅުތަކާއި އެކި އެކި ރަށްރަށަށް ރީބްރޯޑްކާސްޓިންގެ ހިދުމަތް ދިނުމަށް 111 ފަރާތަކަށްވެސް ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވެއެވެ.