މާފުށީ ޖަލު

މާފުށީ ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ފޯނުތަކެއް އަތުލައިފި

Jul 11, 2016
2

މާފުށީ ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެއްޗާއި ފޯނުތަކަކާއި ސިމްކާޑުތަކެއް އަތުލައިގަނެފި އެވެ.

މިތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ އެތަކެތި ފެނުނީ އިއްޔެ އިރު އޮއްސުނު ވަގުތު މާފުއްޓަށް ދިޔަ ލޯންޗަކުން ގެންދިޔަ ކޮތަޅެއްގެ ތެރެއިން ފެނުނު ތަކެތި ކަމަށާއި. ލޯންޗު މާފުއްޓަށް ގޮސް ގުރައިދޫއަށް ދާން ފުރަން އުޅުމުން އެ ލޯންޗުން ގެންދިޔަ ކޮތަޅާއި ހަވާލުވާން މީހަކު ނައުމުން ފުލުހުން އެކޮތަޅު ގެންދިޔައީ ކަމަށެވެ.

އެކޮތަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސް ކުރިއިރު ކޮތަޅު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓާއި، ހަތް ފޯނަކާއި ފޯނުތަކުގެ ޗާޖަރުގެ އިތުރުން 11 ސިމް ކާޑެއް ފެނިފައިވެ އެވެ.