ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ދުބާއީގެ ކުންފުންޏެއް ކަމަށްވާ ނަސްތަގް ދުބާއީ އާ ގުޅިގެން ވޯކްޝޮޕް މިއަދު ފަށައިފި އެވެ.
އެއް ދުވަހުގެ މުއްދަތަށް މި ވޯކްޝޮޕް ކުރިއަށް ގެންދަނީ ހުޅުލޭ އައިލެންޑް ހޮޓަލުގަ އެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދޭން ހަމަޖެހިފައިވަނީ ނަސްތަގް ދުބާއީގެ ފަރާތުންނެވެ.
މި ވޯކްޝޮޕް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ކޯޕަރޭޓް ގަވަނަންސް މެއިން ސްޓްރީމް ވާން ފެށީ ދެހާހުގެ ކުރީކޮޅު ބޮޑެތި ގިނަ ކުންފުނިތަކެއް ބަނގުރޫޓުވާނެ ފެށުމުން ކަމަށެވެ.
ޒިޔަތު ވިދާޅުވީ ހަރުދަނާ ގަވަމެންޓް ފްރޭމް ވޯކެއް އެކުލަވާލާ ތަންފީޒު ކުރަން ފެށުމުން ކުންފުނީގެ މަގްސަދު ކަނޑައަޅަންވީ ގޮތާއި އެ މަގުސަދު ހާސިލް ކުރަން ކުރިމަތިވާނެ ނުރައްކާތަތަކީ ކޮބައިކަން ބަލައި ދެނެގަނެވޭނެ ގޮތަކަށް އަދި ހާމަކަންބޮޑު ގޮތަކަށް ވިޔަފާރީގެ ހަމަތަކާއި އުސޫލުތައް ކަނޑައެޅިގެންދާނެ ކަމަށެވެ.
މި ގޮތަށް ވިޔަފާރި ހިންގަން ފެށުމުން ކުންފުނީގެ ބޯޑުން ވިޔަފާރި ހިންގަން ކަނޑައަޅާ އުސޫލާ އެއްގޮތަށް ވިޔަފާރި ހިންގޭނެ ކަމަށެވެ.
"ކުންފުނި ހިންގަނީ ހިއްސާދާރުންނެއް ނޫން. ކުންފުނި ހިންގަން މެނޭޖްމަންޓެއް ކަނޑައަޅާފައިވޭ، މެނޭޖްމަންޓުން ކުންފުނި ހިންގަނީ ހިއްސާދާރުންގެ މަސްލަހަތަށް ބަލައިގެން ކަން ކަށަވަރުކުރަން އެބަޖެހޭ. މިކަމަށް އެންމެ މުހިއްމު ކަމަކީ ހަރުދަނާ ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލުކުރުން" ޒިޔާތު ވިދާޅުވި އެވެ.
ދުނިޔޭގައި ބޭނުންކުރާ ކޯޕަރޭޓް ގަވަނަންސްގެ އެންމެ ފުރިހަމަ އުސޫލު ރާއްޖެއަށް ވެސް ތައާރަފްވާން ޖެހޭ ކަމަށެވެ. އަދި އެއީ ވިޔަފާރިތައް އިތުރަށް ހަރުދަނާވެ ސިސްޓަމެޓިކް ކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށް ޒިޔަތު ވެސް ވިދާޅުވި އެވެ.
މިއަދު ފެށި މި ވޯކްޝޮޕްގައި ދައުލަތުގެ ކުންފުނިތަކުގެ އެގްޒެކެޓިވުން އަދި ބޯޑް މެމްބަރުން ބައިވެރިވި އެވެ. މި ވޯކްޝޮޕްގައި ކޯޕަރޭޓް ގަވަނަންސްއާ ބެހޭ ގިނަ މައުލޫމާތުތަކެއް ބައިވެރިންނާ ހިއްސާކުރާނެ ކަމަށް ސީއެމްޑީއޭއިން ބުނެ އެވެ.