ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީ ނުކޮށް ހިންގާ އިންވެސްޓްމަންޓް ސްކީމަކުން ގެއްލުންވެފައިވާނަމަ ޝަކުވާ ހުށަހަޅަން ސީއެމްޑީއޭއިން އެދިއްޖެ އެވެ.
ސީއެމްޑީއޭ އިން މިކަމަށް އެދިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއާއި އޭނާގެ އާއިލީ ބަޔަކު ހިއްސާވާ ކުންފުންޏަކުން ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓް ސްކީމެއް ކަމަށް ބުނާ ސްކީމަކުން އެތައް ބަޔަކަށް ގެއްލުންވެ ފައިސާ ނުލިބި އޮއްވާ އެފަދަ އެހެން ސްކީމެއް އަލްހާން ފަށާފައިވާ ވަގުތެއްގަ އެވެ.
އަލްހާން ކުރިން ހިންގި ސްކީމުން ގެއްލުންވި މީހުން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތައްވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. ސީއެމްޑީއޭ އިން ވެސް އަންނަނީ އެ މައްސަލަތައް ބަލަމުންނެވެ.
އަލްހާން ދެވަނަ ފަހަރަށް ސްކީމު ފެށީމާ ފުލުހުން ވަނީ ކަމާ ގުޅޭ އިދާރާތަކުން އެ ސްކީމު ނުހުއްޓުވާތީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
ސީއެމްޑީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުއްދަނެތި މާލީ ސެކިއުރިޓީޒްގެ މުއާމަލާތްތައް ނުހިންގޭނެ ކަމަށާއި ކުރިންވެސް އެކަން ހަނދާންކޮށްދީފައިވާނެ އެވެ.
ސްކީމަކުން ގެއްލުން ލިބިފައިވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސީއެމްޑީއޭ އިން ވަނީ ފުރުސަތު ދީފަ އެވެ.
ސީއެމްޑީއޭގެ ބަޔާނުގައި ވަނީ ބައެއް ކަންކަން ހަނދާންވެސް ކޮށްދީފަ އެވެ. އެގޮތުން ފައިސާއިން ފައިދާ ހޯދުމުގެ ގޮތުން އިންވެސްޓް ކުރުމާއި އެކަމާ ގުޅޭ މުއާމަލާތްތަކެއް ހިންގުމަކީ ސެކިއުރިޓީޒްގެ މާނައިގައި ހިމެނޭ ކަންތައްތަކެއްކަން ހަނދާންކޮށްދީފައިވެ އެވެ. އެހެންކަމުން ސެކިއުރިޓީޒް މުއާމަލާތްތަކުގެ އިތުބާރު ގެއްލޭ ގޮތަށް ކުރާ ކަންކަން ހުއްޓުވާނެ ކަމުގައިވެސް ބުނެފައިވެ އެވެ.