ސީއެމްޑީއޭ

ޕޮންޒީ ސްކީމަކުން ގެއްލުންވިނަމަ ހިއްސާކުރަން އަންގައިފި

Apr 25, 2022
1

ރަޖިސްޓްރީ ކޮށްފައި ނުވާ ސްކީމެއްގައި އިންވެސްޓްކޮށްގެން ގެއްލުމެއް ލިބިފައިވާނަމަ އެކަމެއް ހިއްސާކުރުމަށް ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އަންގައިފި އެވެ.

ސީއެމްޑީއޭ އިން މިކަމަށް އެދިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ހިއްސާވާ ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ރަޖިސްޓްރީ ނުކޮށް ހިންގަމުން ދިޔަ ސްކީމެއްގައި އެތައް ބަޔަކު އިންވެސްޓްކޮށް ގެއްލުންތަކެއް ލިބިފައިވާ މައްސަލަތަކެއް ފުލުހުން ބަލަމުން ދަނިކޮށެވެ.

ސީއެމްޑީއޭ އިން ނެރެފައިވާ ބަޔާނެއްގައި މިއަދު އެންމެ ފުރަތަމަ އާންމުންނަށް އޮޅުންފިލުވައިދީފައިވަނީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެވެ. އެގޮތުން ބުނެފައިވަނީ އެ އޮތޯރިޓީއަކީ ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓް ކުރުމާއި، ސެކިއުރިޓީޒްގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ހުއްދަތައް ދޫކުރުމާއި، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށްދީ ސެކިއުރިޓީޒްގެ މުއާމަލާތުތަކުގައި ނޭދެވޭ އަމަލުތައް ކުރިޔަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާ މެދު އިތުބާރު ގެއްލޭ ފަދަ ޢަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ.

މީގެއިތުރުން މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގައި ސެކިއުރިޓީޒް މާނަކޮށްދީފައިވާ ގޮތް ވެސް ބަޔާނުގައި އޮޅުން ފިލުވައިދީފައިވެ އެވެ. އެގޮތުން ސެކިއުރިޓީޒް އަކީ ސަރުކާރުން ނެރޭ ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗާ އާއި ބިލު ނުވަތަ ބޮންޑު، ކުންފުންޏަކުން ނުވަތަ އެހެން ޖަމާއަތަކުން ނެރޭ ނުވަތަ ނެރެން ހުށަހަޅާ ޑިބެންޗާ، ސްޓޮކު، ހިއްސާ، ބޮންޑު، ނޯޓު، މިއިން އެއްޗަކާ ބެހޭ ހައްގެއް، ވޮރެންޓެއް ނުވަތަ އޮޕްޝަނެއް އަދި ގާނޫނުގެ ބޭނުމަށް ސެކިއުރިޓީޒްގެ ގޮތުގައި ސީއެމްޑީއޭއިން ކަނޑައަޅާ ކޮންމެ ލިޔުމެއް ކަމަށް ފާހަގަކޮށްފައިވެ އެވެެ.

އަދި އެއް ފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓްކޮށް ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގުސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދީ ކޮންމެ ފަރާތަކާއި އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓްކުރުމުގެ އެންމެހާ ކޮންޓްރެކްޓަކީ ނުވަތަ މުޢާމަލާތަކީ ވެސް ސެކިއުރިޓީޒް ކަމަށް ސީއެމްޑީއޭ އިން ބުނެ އެވެ.

ސީއެމްޑީއޭ އިން އިތުރަށް ބުނީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އެކަމަށް ނަގަން ޖެހޭ ހުއްދަ ނުވަތަ ލައިސަންސް ހޯދުމެއް ނެތި ސެކިއުރިޓީޒްގެ އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތުން ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާ ފަދަ ގޮތަކަށް އިޝްތިހާރުކޮށް އަމަލުކުރުމަކީވެސް މަނާ ކަމެއް ކަމަށެވެ.

ސީއެމްޑީއޭގައި ބަޔާނުގައި ވަނީ ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓު ކޮށްގެން އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެކަމުގެ ތަފްސީލް އީމެއިލް އަކުން އެ އޮތޯރިޓީ އަށް އެންގުމަށްވެސް އެދިފަ އެވެ.