ސީއެމްޑީއޭ

ފައިސާގެ މުއާމަލާތް ކުރުމުގައި ސަމާލުވުމަށް އެދިއްޖެ

Mar 12, 2022

ސްކީމު ތަކެއްގެ ގޮތުގައި އެކި ނަންނަމުގައި ފައިސާގެ މުއާމަލާތް ހިންގާ މީހުންގެ ސައްހަކަން ކަށަވަރުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ސީއެމްޑީއޭ އިން އެކަމަށް އިލްތިމާސްކޮށްފައި މިވަނީ ފޮރެކްސް ޓްރޭޑިން ވިޔަފާރި ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް މިމަހުގެ 10 ވަނަ ދުވަހު ފްރީޒްކޮށްފައި ވަނިކޮށް ފޮރެކްސް ޓްރޭޑް ކުރާ މީހުންނަށް ކުރިމަތިވެދާނެ "ރިސްކްތަކަށް" ސަމާލުވުމަށް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން އަންގާފައި ވަނިކޮށެވެ.

އެމްއެމްއޭގެ ބަޔާނުގައި "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ ނަން ބުނެފައި ނުވި ނަމަވެސް އެ ބަޔާން ނުސީދާކޮށް އަމާޒުކޮށްފައިވަނީ އެ ކުންފުންޏަށް ކަމަށް ކިންގްސް އިން ބުނެފައިވެ އެވެ.

ސީއެމްޑީއޭ އިން ނެރެފައިވާ ބަޔާނުގައި ވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރަން ލިބޭ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން ސަމާލުކަން ދޭންވީ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން އިންވެސްޓް ކުރަން ހުށަހަޅާ ފަރާތަކީ ރާއްޖޭގައި ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަ ލިބިފައިވާ ނުވަތަ އެފަދަ ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

ސެކިއުރިޓީޒް މުއާމަލާތްތަކުގައި ހަރަކާތްތެރިވުމަށް އެ އޮތޯރިޓީން ލައިސަންސް ދޫކޮށް ހުއްދަ ދީފައިވާ ފަރާތްތަކާއި ފަންޑު ހިންގާ ބެލެހެއްޓުމަށްޓަކައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުގައި އާންމުކޮށްފައި ހުންނާނެ ކަމަށެވެ. އެހެންކަމުން އިންވެސްޓް ކުރަން ދައުވަތު ލިބުމުން އެއީ ހުއްދަ އޮތް ކުންފުންޏެއްތޯ ޔަގީންކުރުމަށްވެސް ސީއެމްޑީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.

އޮންލައިންކޮށް ކުރާ ވިޔަފާރިތަކުގެ ނާޖާއިޒު ފައިދާ ނަގައި ބައެއް މީހުން ގެންދަނީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންނެވެ. ފުލުހުން ގެންދަނީ އެފަދަ ގިނަ މައްސަލަތަކެއް ތަހުގީގުކުރަމުންނެވެ.