ސީއެމްޑީއޭ

ސެކިއުރިޓީޒް ގަނެވިއްކުމާއި ލަފާދޭން ކުންފުންޏަކަށް ލައިސަންސް ދީފި

Sep 29, 2021

ސެކިއުރިޓީޒް ގަނެވިއްކުމާއި އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސެންސް ކުންފުންޏަކަށް ދޫކޮށްފި އެވެ.

ކެޕަޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަދު ބުނީ ސެކިއުރިޓީޒް ޑީލަރުންގެ ލައިސެންސްއަކާއި ސެކިއުރިޓީޒް ޑީލަރުން ތަމްސީލުކުރުމުގެ ލައިސެންސް ދޫކޮށްފައިވާ ކަމަށާ އަދި އިންވެސްޓްމްންޓް އެޑްވައިޒަރުކަމުގެ ލައިސެންސްއަކާއި އިންވެސްޓްމަންޓް އެޑްވައިޒަރުން ތަމްސީލުކުރުމުގެ ލައިސަންސްއެއް ވެސް ދޫކޮށްފައިވާ ކަމަށެވެ.

ޑީލަރުކަމުގެ ލައިސަންސް އާއި އިންވެސްޓްމަންޓް އެޑްވައިޒަރުކަމުގެ ލައިސަންސް ދޫކޮއްފައި ވަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެފްއެންއެފްސީ) އަށެވެ. ޑީލަރުން ތަމްސީލުކުރުމުގެ ދެ ލައިސަންސް އާއި އިންވެސްޓްމަންޓް އެޑްވައިޒަރުން ތަމްސީލުކުރުމުގެ ލައިސަންސް ދޫކޮއްފައިވަނީ އެފްއެންއެފްސީގެ ބްރޯކަރުން އަދި އިންވެސްޓްމަންޓް އެޑްވައިޒަރު ރިޕްރެޒެންޓޭޓިވްގެ ގޮތުގައި އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކަށެވެ.

ޑީލަރުންނާއި ބްރޯކަރުންގެ މައިގަނޑު ޒިންމާއަކީ ކުންފުނިތަކުން ދޫކުރާ ހިއްސާ އާއި ބޮންޑު ފަދަ ސެކިއުރިޓީޒްގެ ބާވަތަތައް ގަނެވިއްކުމުގައި މެދުވެރިއެއްގެ ދައުރުކަމަށްވާ އޯޑަރު ބަލައިގަނެ ސެކަންޑަރީ މާކެޓުގައި ސެކިއުރިޓީޒްގެ މުއާމަލާތް ހިންގައި ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. އިންވެސްޓްމަންޓް އެޑްވައިޒަރުންނާއި އިންވެސްޓްމަންޓް އެޑްވައިޒަރުން ތަމްސީލުކުރާ ފަރާތަކުގެ މައިގަނޑު ޒިންމާއަކީ އިންވެސްޓްކުރުމުގެ ލަފާދިނުމާއި ފަންޑު މެނޭޖްކުރުމުގެ ހިދުމަތް ދިނުމެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ބުނީ ލައިސަންސް ދިނުމުގެ މަގްސަދަކީ އިންވެސްޓްމަންޓާބެހޭ ހުނަރާއި އިލްމު ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއެކު ދުޅަހެޔޮ ފަހި އިންވެސްޓްމަންޓްތަކެއްގެ ފުރުސަތު މާކެޓުގައި ހުޅުވާލުމާއި އިންވެސްޓްރ ޕްރޮޓެކްޝަންއާއި މާކެޓް ކޮންފިޑެންސް އިތުރުކުރުން ކަމަށެވެ.