ސީއެމްޑީއޭ

ފަންޑުތަކުގައި އިންވެސްޓްކުރުމުގެ ކުރިން ހުއްދަ އޮތްތޯ ބެލުމަށް އެދިއްޖެ

Apr 8, 2023

އިންވެސްޓްމަންޓް ސްކީމުތަކުގައި ބައިވެރިވުމުގެ ކުރިން އެފަދަ ސްކީމުތައް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރަޖިސްޓާކޮށްފައިވޭތޯ ބެލުމަށް ސީއެމްޑީއޭ އިން އިލްތިމާސްކޮށްފި އެވެ.

ސީއެމްޑީއޭ އިން މީގެކުރިން ވެސް މިކަމަށް އިލްތިމާސްކޮށްފައިވެ އެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް ސެކިއުރިޓީޒްގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ހުއްދަތައް ދޫކުރުމާއި، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުއާމަލާތްތަކުގައި ނޭދެވޭ އަމަލުތައް ކުރިއަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާ މެދު އިތުބާރު ގެއްލޭ ފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސީއެމްޑީއޭގެ މަސްއޫލިއްޔަތެެއް ކަމަށެވެ.

ރާއްޖޭގައި އިންވެސްޓްމަންޓް ފަންޑް ހިންގުމާއި އިންވެސްޓް ކުރުމަށް ލަފާ ދިނުމުގެ ހިދުމަތް ދިނުމާއި އަދި ފަންޑް މެނޭޖުކޮށްދިނުމުގެ ހިދުމަތް ދިނުމަކީވެސް ސީއެމްޑީއޭ އިން ލައިސަންސް ނަގައިގެން ކުރަންޖެހޭ ކަމެކެވެ.

ސީއެމްޑީއޭއިން މިމަހުގެ ހަވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގާ، އާންމުކޮށް ހުޅުވާލައިގެން އިންވެސްޓްމަންޓް ފަންޑް އުފައްދާ މެނޭޖުކޮށް ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާ ފަދަ ގޮތަކަށް އިޝްތިހާރުކޮށް ހެދުމަކީ މަނާ ކަމެއް ކަމަށެވެ.

ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކަށްވެސް އިޝްތިހާރުކޮށްގެން ފަންޑް ހޯދުމާއި އިންވެސްޓްކުރުމަށް ލަފާދިނުމާއި ލަފާދޭ ފަރާތެއް ގޮތަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން ސީއެމްޑީއޭގެ ލައިސަންސް ނުނަގާ ހިދުމަތް ދިނުމަކީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެއްކަން ސީއެމްޑީއޭގެ ބަޔާނުގައި ހަނދާންކޮށްދީފައިވެސް ވެއެވެ.

"އެކިއެކި ފަރާތްތަކުން އިންވެސްޓުކުރުމަށް ލިބޭ ހުށަހެޅުމުގައި ބައިވެރިވުމުގެ ކުރިން، މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ސަމާލުވުމަށް އިންވެސްޓަރުންނަށް ނަސޭހަތްތެރިވަމެވެ،" ސީއެމްޑީއޭގެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތާއި އިންވެސްޓުކުރުމަށް ލަފާ ދޭ ފަރާތްތަކުގެ މައުލޫމާތު އޮތޯރިޓީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. ސީއެމްޑީއޭގެ ލައިސަންސް ނުނަގައި، އެއްވެސް ފަރާތަކުން އިންވެސްޓްމަންޓް ފަންޑެއް ހިންގާކަން އެނގޭނަމަ އެ އޮތޯރިޓީއަށް އެންގުމަށްވެސް ސީއެމްޑީއޭ އިން އެދިފައިވެ އެވެ.

ސީއެމްޑީއޭ އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ފޮރެކްސް ޓްރޭޑިން ވިޔަފާރި ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް ފްރީޒްކޮށް، ފޮރެކްސް ޓްރޭޑް ކުރާ މީހުންނަށް ކުރިމަތިވެދާނެ "ރިސްކްތަކަށް" ސަމާލުވުމަށް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން އަންގާފައި ވަނިކޮށެވެ.

އަލްހާންގެ ކުންފުނިން ހިންގާ ސްކީމުގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުންދާއިރު އެ ކުންފުނީގެ އެކައުންޓް ކުރިން ފްރީޒް ކުރި އެވެ. ނަމަވެސް އެކައުންޓް ދޫކޮށްލުމާ އެކު އަލްހާން މިހާރު އަނެއްކާވެސް ގެންދަވަނީ ފޮރެކްސް ޓްރޭޑިންގެ ވިޔަފާރިކުރައްވާ، އެކަމުގައި ބައިވެރިވުމަށް އެދެމުންނެވެ.