އަލްހާން ފަހުމީ

މިހާރު ދަތި، ޖުލައިގެ ކުރިން ފައިސާ ދޭނެ: ކިންގްސް

May 8, 2022
2

ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއާއެކު އޮންލައިން ޓްރޭޑް ކުރި މީހުންނަށް މިވަގުތު ފައިސާ ދިނުމަށް ދަތި ކަމަށާއި ނަމަވެސް މިއަހަރުގެ ޖުލައި މަހުގެ ކުރިން ފައިސާ ދިނުނުގެ އިންތިޒާމު ރަނގަޅަށް ހަމަޖެއްސޭނެ ކަމަށް ފެންނަ ކަމުގައި އެ ކުންފުނިން ބުނެފި އެވެ.

ކިންގްސް ކުންފުނިން މިހެން ބުނެފައި މިވަނީ އެ ކުންފުންޏާ އެކު އެތައް ހާސް ވިޔަފާރިއެއް ކޮށްފައިވާ ގިނަ ބަޔަކަށް ރިފަންޑް ނުލިބި ލަސްވާތީ ކަމާ ގުޅޭ އިދާރާތަކަށް އެތައް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ކިންގްސްއާ އެކު ވިޔަފާރިކުރި މީހުންނަށް އެ ކުންފުނިން ފޮނުވި މެސެޖެއްގަ އެވެ.

ކިންގްސް ކުންފުނިން ކުރަމުން ދިޔަ ވިޔަފާރިއަކީ އިންވެސްޓްމަންޓް ސްކީމެއްގެ ސިފަތައް ހުރި ވިޔަފާރިއަކަށްވެފައި އަޑިނޭނގޭ ޕޮންޒީ ސްކީމެއްގެ ގޮތުގައި އެ ސްކީމް ހިންގަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އެ ވިޔަފާރި ހުއްޓުވައި، އެ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.

ކިންގްސްގެ ވިޔަފާރި ހުއްޓުވާލުމާ ގުޅިގެން އެ ކުންފުންޏާ އެކު ޓްރޭޑް ކުރަމުން ދިޔަ އެތައް ސަތޭކަ ބަޔަކަށް ފައިސާ ދެވޭނެ ގޮތެއް ނެތި އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެކަމަކު އެ ކުންފުނިން އަބަދުވެސް ދިޔައީ ފައިސާ ދޭނެ ކަމަށް ބުނެ އިންވެސްޓަރުންނަށް ތާރީހުތަކެއް ދެމުންނެވެ.

"އަޅުގަނޑުމެން ކުރިން ދެންނެވިހެން ބަންދު ނޫން 20 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ނުދެވި އޮތީ މިވަގުތު މިކުންފުނީގެ ވިޔަފާރި އެކީ ހުއްޓިފައިވާތީ ފައިސާ ދެވެން ނެތިގެންނެވެ،" ކިންގްސްގެ އިންވެސްޓަރުން ތިބޭ ގުރޫޕެއްގައި އެ ކުންފުނިން ހިއްސާކުރި މެސެޖެއްގަ އެވެ.

ކިންގްސް އިން ބުނީ އިންވެސްޓަރުންނަށް ފައިސާ ދިނުމަށް އަދި އިތުރު ވަގުތު ބޭނުންވާ ކަމަށާއި އަދި ޖުލައި މަހުގެ ކުރިން ފައިސާ ދިނުމުގެ އިންތިޒާމު ރަނގަޅަށް ހަމަޖެއްސޭނެ ކަމަށް އެ ކުންފުންޏަށް ފެންނަ ކަމަށެވެ.

ލިބެމުންދާ ޝަކުވާތަކާ ގުޅިގެން އެ ކުންފުނީގެ އޮންލައިން ޓްރޭޑިން އެކައުންޓްތައް އޮޑިޓްކުރަމުންދާތީ މިވަގުތު ކުރީގެ އެއްވެސް އެކައުންޓަކަށް ފައިސާ ޑިޕޮޒިޓް ކުރެވޭނެ މަގެއް ނެތް ކަމަށްވެސް ކިންގްސް އިން ބުނެ އެވެ. މިހާރު ދިމާވެފައި ހުރި މައްސަލަތައް ހައްލުކޮށްގެން އެހެން ގައުމެއްގައި ރަޖިސްޓަރީވެގެން އާ އެކައުންޓަކާ އެކު ޓްރޭޑް ކުރުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި މިމަސް ނިމުމުގެ ކުރިން އެކަން ހަމަޖެހޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮތް ކަމަށްވެސް ބުނެފައިވެ އެވެ.

"މިކަމުގެ ސަބަބުން ކުރިމަތިވި ދަތިތަކަށް މައާފަށް އެދެމުން، މި ވިޔަފާރިއާ ގުޅިގެން މިކުންފުނީގެ ހިއްސާދާރުންނަށް އެއްބާރުލުން ދެއްވާ، އެހެނިހެން ޕްލެޓްފޯމުތަކުގައި ޒާތީގޮތުން ދިމާނުކުރެއްވުމަކީ އަޅުގަނޑުމެން އެދޭ އެދުމެކެވެ. އެކަމުން ލިބޭ ގެއްލުންވެސް ބޮޑުވަނުން ދިއުމަކީ ކަންކަން ކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމުގައިވެސް ދަންނަވަމެވެ." ކިންގްސްގެ މެސެޖުގައި އިންވެސްޓަރުންގެ ކިބައިން އެދިފައިވެ އެވެ.

ކިންގްސްއާ އެކު ޓްރޭޑްކޮށްފައިވާ ބައެއް މީހުން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި ދާދި ފަހަކާ ޖެހެންދެން ކިންގްސް ކުންފުނިން ވަނީ އިންވެސްޓަރުންގެ ފައިސާ ހުރި ކަމާއި މައްސަލައެއް ދިމާވެއްޖެނަމަ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އަދި އިންވެސްޓަރުންގެ މެސެޖުތަކަށް ކުރިން ޖަވާބު ދިން ނަމަވެސް މިހާރު ވަކިވަކި އިންވެސްޓަރުންނަށް އެ ކުންފުނިން ޖަވާބު ނުދޭ ކަމަށްވެސް ބައެއް އިންވެސްޓަރުން ބުނެފައިވެ އެވެ.

ކިންގްސް ކުންފުނިން އޮންލައިން ޓްރޭޑް ކުރުން ޓެލެގްރާމް ޗެނަލެއްގައި ވަރަށް ބޮޑަށް އިޝްތިހާރުކޮށް އެ ކުންފުނީގެ ސްކީމު ކުއްލި އަކަށް ފުޅާކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ކިންގްސްގެ ވިޔަފާރި މުއާމަލާތްތައް ހިންގަމުން ދިޔަ ގޮތުން ދައުލަތުގެ އިދާރާތަކުން އެ ކުންފުނީގެ ސްކީމް ހުއްޓުވިއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި 80 މިލިއަނެއްހާ ރުފިޔާ ސްކީމުގެ ތެރެއިން ރޯލްކޮށްފައިވާ ކަމަށްވެ އެވެ. ސްކީމުގައި ގާތްގަނޑަކަށް 2،000 މީހުން -- މީހަކު އެންމެ މަދުވެގެން ވެސް 10،000 ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. އަދި މި ސްކީމް ޕްރޮމޯޓް ކުރަން ގެންގުޅުނު ޓެލެގްރާމު ޗެނަލްގައި ވެސް 9،000 އަށް ވުރެ ގިނަ މީހުން ތިބެ އެވެ.

ކިންގްސް ކުންފުނިން ހިންގި ސްކީމުގެ ތެރެއިން ގެއްލުން ލިބުނު މީހުން ޝަކުވާ ހުށަހަޅަން ކަމާ ގުޅޭ އިދާރާތަކުން އެންގުމުން 1،500އާ ގާތްކުރާ މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.

ކިންގްސް ކުންފުނިން ހިންގީ ޕޮންޒީ ސްކީމެއް ކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަތަކަށް އެ ކުންފުނިން އަބަދުވެސް ދޮގުކުރެ އެވެ.