ރިޕޯޓް

ޕީޕީއެމްގެ ކޯޅުން ޝައުގުވެރި ހިސާބަކަށް! ދެން ވެސް އޮތީ އެންމެ ގޮތެއް

  • މަޝްވަރާ ނޫން ފޯމިއުލާއެއް ނެތް
  • މައުމޫން ވިދާޅުވަނީ އެ ފޯމިއުލާއިން ހައްލު ނެރެވޭނެ ކަމަށް
  • ދެ ފަރާތުން ވެސް ދޫނުކުރާނެ ކަންކަން އެބަ ހުރި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައިސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމިންއާ މި ދެބެންގެ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދި، ޕާޓީ ތެރޭގައި އުފެދިގެން އުޅޭ ކޯޅުންތައް މިހާރު ގޮސްފައި މި ވަނީ ވަރަށް ވެސް ފޯރި ގަދަ އަދި ޝައުގުވެރި ހިސާބަކަށެވެ. އެއްކޮޅުން ޕީޕީއެމް ތެރޭގައި ހުރި ކަންބޮޑުވުންތައް ރައްޔިތުން ކުރިމައްޗައް ބަންޑުން ޖަހާލައި އޭގެ ފައިދާ ނަގައިގެން ޕާޓީ މުށުތެރެއަށް ގެންނަން މަސައްކަތް ކުރާ އިރު އަނެއްކޮޅުން ނިކުމެ މި އޮތީ އެކަން އެހެން ވިޔަ ނުދޭށެވެ. މި ހިސާބަށް ކޯޅުންތައް ގޮސް ޕާޓީ ދެފަޅިވެފައި އޮތް އިރު، ރައީސް ޔާމިންގެ އެދިލެއްވުމަކަށް މެންބަރުން ނިންމީ މަޝްވަރާގެ މޭޒުން މައްސަލަތައް ހައްލު ކުރާށެވެ. މަޝްވަރާގެ ފުރަތަމަ ފިޔަވަޅަކަށް، ރޭ ކުއްލި ކައުންސިލް ބައްދަލުވުމެއް ބޭއްވި ނަމަވެސް، ކުރިއަށް ދާ ގޮތެއް ނުވި އެވެ. ޕާޓީއިން ދާދި ފަހުން ވަކިކުރި ކަމަށް ބުނާ، ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އާއި ފާތިމަތު ނާދިރާ ކައުންސިލްގައި ތިއްބެވުމުން މައްސަލަ ހޫނުވެ، ކައުންސިލްގެ ގިނަ މެންބަރުން ޖަލްސާ ދޫކުރެއްވީ އެވެ.

ޕާޓީގެ ކައުންސިލް ބައްދަލުވުންތައް އަލުން ފަށައި މަޝްވަރާ ކުރަން މެންބަރުން ނިންމީ ޕީޕީއެމް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ސުލްހަވެރިކަން ގާއިމްކޮށް ސިޔާސީ މަސައްކަތާގެ ކުރިޔަށް ދިޔުމުގެ ރޫހެއްގަ އެވެ. އަދި މައުމޫން އުފެއްދެވި އިސްލާހީ އެޖެންޑާގައި މިހާރު ކުރަމުން އަންނަ މަސައްކަތަކައި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ކަމަށް އެމަނިކުފާނު ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ކަން ހިނގައިދިޔައީ އުންމީދުކޮށްގެން ތިބި ގޮތައި މުޅިން ހިލާފަށެވެ. ސުލްހަވެރި ހައްލެއް އެހާ ފަސޭހައިން ލިބޭނެ ކަމަކަށް ނުފެނުނެވެ.

ކައުންސިލްގެ ގިނަ މެންބަރުންގެ ކަންބޮޑުވުމަކަށްވީ، މީޑިއާގައި އެބޭފުޅުންގެ އަގު ވެއްޓޭ ފަދަ ގޮތަކަށް މައުމުން ބަސްފުޅު ވިދާޅުވުމެވެ. އެހެން ނަމަވެސް މައުމޫން އެކަން ވެސް ގަބޫލުފުޅެއް ނުކުރައްވަ އެވެ. މައުމޫން ވެސް އޭގެ ބަދަލުގައި އެހެން މައްސަލައެއް ނަންގަވަ އެވެ. ޓީވީ ތަކަށް އަރައި ސީދާ ޕާޓީގެ ރައީސްއަށް އަމާޒުކޮށް އަގުވެއްޓޭ އެއްޗެހި ބުނުމަކީ ކުރަން ނުޖެހޭ ކަމެއް ކަމަށް ވިދާޅުވުމެވެ. ދެކޮޅުން ވެސް ގޯސް ހަދައިފި އެވެ. އެހެން ވީމާ، މިއީ ދެކޮޅުން ވެސް ދޫދެންޖެހޭ ފުރުސަތެކެވެ. އެކަމަކު އެއް ބަޔަކު ވެސް ގޮތް ދޫކުރަން ތިބިހެން ހިއެއް ނުވެ އެވެ.

"އަޅުގަނޑު ވާހަކަދެއްކީ އެއްގޮތަކަށްވެސް އެބޭފުޅުންގެ އަގު ވެއްޓޭ ގޮތަކަށް ނޫން. އެއީ ހަގީގަތް. ނަމަވެސް އެ ބޭފުޅުން ވިދާޅުވަމުން އައީ މައުމޫންއަކަށް ޕާޓީ ހިސާރެއް ނުކުރެވޭނޭ ހައިޖެކްޓެއް ނުކުރެވޭނޭ. މިއީ ކަންތައް ވާން ޖެހޭ ގޮތެއް ނޫން. ދެން އަނެއްކައި ބައެއް ބޭފުޅުން ވަޑައިގަތީ ޝަރިއްޔަތައް. އޭގެ ކުރިން މައްސަލައެއް ހުރީއްޔާ އަޅުގަނޑާ މަޝްވަރާކޮށްލުން ރަނގަޅު ކަމަށް އަޅުގަނޑު ދެކެން. އެކަމަކު އެކަމެއް ނުކުރައްވާ،" މިއީ މައުމޫންގެ އުދާސްތައް ހުންނެވި ގޮތެވެ.

ކައުންސިލްގެ ގިނަ މެންބަރުންގެ އުދާސްތައް މައުމޫންއާ ބޮޑުވެފައި ވަނީ، މައިގަނޑު ތިން ސަބަބެއް ކުރިމަތިވުމުންނެވެ. ޕާޓީގެ ވެރިކަމެއް ކުރަމުން ދަނިކޮށް އިދިކޮޅު ފަރާތްތައް ގޮތަށް ސަރުކާރަށް ފާޑުކިޔައި މުޅި ޕާޓީގެ ކޮންޓްރޯލް މައުމޫން އަމިއްލަފުޅަށް ނެންގެވުމެވެ. އަނެއް މައްސަލައަކީ ސުލޫކީ ކޮމިޓީ އިން ދެ މެންބަރަކު ވަކިކުރަން ނިންމި ނިންމުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވެސް އިހުތިރާމް ނުކުރައްވާ އަމިއްލަފުޅަށް ނިންމެވުންތައް ނިންމެވުމެވެ. މި އުދާސްތަކާ ހުރެ، 30 މެންބަރުންގެ ތެރެއިން 21 މެންބަރަކު ޖަލްސާ ދޫކޮށް ރޭ ނިކުންނެވި އެވެ.

"އަޅުގަނޑުމެން ޕާޓީގެ ރައީސްއަށް ދެންނެވިން ސުލްހަވެރިކަމައި އެކު ޕާޓީ ތެރޭގައި އިންޓާނަލް މައްސަލަތައް ހައްލުކުރަން ތައްޔާރަށް ހުރި ކަމަށް އަދި ބޭނުން ވަނީ ހަމަޖެހިގެން ޕާޓީ ވަރުގަދައަށް ކުރިޔަށް ގެންދަންކަމަށް ނަމަވެސް ޕާޓީއިން ވަކިކޮށްފައި ހުރި ދެ މެންބަރުން އެތާ ތިއްބެވީމައި އެ ބޭފުޅުންނާއި އެކީގައި އެއީ ސައްހަ ބައްދަލުވުމަކަށް ނުބެލެވޭނެ،" ބައްދަލުވުން މެދުކަންޑާލައިގެން ވަޑައިންވާ ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ޕާޓީގެ ނައިބު ރައީސް އަބްދު ރަހީމް އަބްދުﷲ ވިދާޅުވި އެވެ. "އަޅުގަނޑުމެން ޕާޓީއަކީ ވަރަށް ޑިމޮކްރަޓިކް އުސޫލުތަކެގެ ތެރެއިން އުފެދިފައި އޮތް ޕާޓީއެއް. އެ އުސޫލުތައް ދެމެހެއްޓުމަކީ ޕާޓީގެ ހުރިހާ މެންބަރުން ވެސް ބޭނުންވާ ކަމެއް. އަދި މި މައްސަލަތައް ހައްލުކުރަން ބޭއްވި ކައުންސިލް ބައްދަލުވުމުން ނިކުންނަން ޖެހުނީ އުސޫލުތަކަށް ތަބާވުމުގެ ގޮތުން،"

ފާރިސް، ނާދިރާ ވަކިކުރީ ރަނގަޅަށްތައް؟

ޕާޓީ ތެރޭގެ މި ދަރަޖައަށް މައްސަލަތައް ފެންމަތިވާން ފެށީ އިއުލާން ކުރުމަކައި ނުލާ ބިން ދޫކުރާ ބިލަށް ވޯޓް ދޭން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެއާ ދެކޮޅަށް މައުމޫންގެ ދަރިކަލުން ފާރިސް ވޯޓު ދެއްވުމުން ނެވެ. ނިހާން ވިދާޅުވީ ގޮތުގައި އެއީ އެފަދަ ގޮތަކަށް ތްރީ ލައިން ވިޕާ ދެކޮޅަށް ފާރިސް ވޯޓު ދެއްވި ދެވަނަ ފަހަރެވެ. އެހެންކަމުން އޭނާއަށް ފިޔަވަޅު އަޅަން ސުލޫކީ ކޮމިޓީއަށް ފޮނުވި އެވެ.

ފާރިސް ޕީޕީއެމް އިން ވަކި ކުރަން ސުލޫކީ ކޮމިޓީ އިން ނިންމީ ތިން މެންބަރުންގެ އިއްތިފާގުންނެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި ސުލޫކީ ކޮމިޓީ އުފެދިފައި ވަނީ ޖުމްލަ ފަސް މެންބަރުން ހިމެނޭ ގޮތަށެވެ. ހަތް މެންބަރުން ހަމަވަނީ މައްސަލަ ރައްދުވާ ފަރާތުން އައްޔަން ކުރާ ދެ މެންބަރުން ހިމަނައިގެންނެވެ. އެހެން ނަމަވެސް ފާރިސް ވަނީ ދެ މެންބަރުން އައްޔަން ކުރުމުގެ ހައްގު ދޫކޮށްލައިފަ އެވެ.

ނަމަވެސް ފާރިސް ވަކިކުރަން ބޭއްވި ސުލޫކީ ކޮމިޓީ ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއްކަން މައުމޫން ގަބޫލެއް ނުކުރައްވަ އެވެ. މައުމޫން ވިދާޅުވީ ސުލޫކީ ކޮމިޓީގައި ހަތް މެންބަރުން ތިއްބަވައި އިރު ތިން މެންބަރުން ތިއްބެވުމުން ކޯރަމް ވެސް ގެއްލިފައިވާ ކަމަށެވެ. އަދި ސިލޫކީ ކޮމިޓީއެއްގައި މަދުވެގެން ހަތަރު މެންބަރުން އިންނަވަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެން ނަމަވެސް އަސާސީ ގަވާއިދަށް ރިއާޔަތްކޮށް ޕާޓީގެ ކައުންސިލްގެ ގިނަ މެންބަރުންގެ ރައުޔަކީ، މައްސަލަ ރައްދުވި ފަރާތުގެ ހައްގު ދޫކޮށްލުމުން ތިން މެންބަރުން ތިބެގެން މައްސަލަ ނިންމޭނެ ކަމަށެވެ. މީގެ ކުރިން ވެސް އެގޮތަށް ވަނީ އަމަލު ވެސް ކޮސްފައި ކަމުގެ ފުރިހަމަ ހެކި އެބަ ހުއްޓެވެ.

ނަމަވެސް އެކަމައި އިދިކޮޅު ހައްދަވައި މެންބަރުން ވިދާޅުވަނީ ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅޭ މެންބަރުގެ އިހްތިޔާރުން އިތުރު ދެ މެންބަރަކު ކޮމިޓީއަށް ހާޒިރު ކުރުމުގެ އިހްތިޔާރު ލިބޭ ކަމަށެވެ. އަދި ކޮމިޓީއަށް ވަޑައި ނުގަންނަވައި ދިފާއުގައި ވެސް މެންބަރުން ހާޒިރު ނުކުރެވުމަކީ އެ އިހްތިޔާރުގެ ބޭނުން ނުހިފުން ކަމަށް އެ މެންބަރުން ވިދާޅުވި އެވެ. އަދިވެސް އިސްތިއުނާފް ކޮމިޓީއަށް ހުށަހަޅައިގެން ވެސް މައްސަލަ ބެލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ވެސް ކައުންސިލްގެ ގިނަ މެންބަރުން ދެކެ އެވެ. އެހެން ނަމަވެސް މައުމޫން ވަނީ އަމިއްލަފުޅަށް މައްސަލައިގައި ގޮތް ނިންމަވައިފަ އެވެ.

މައްސަލަތައް ޕާޓީ ރޫޅޭ ދަރަޖައަށް!

މަޝަވަރާކޮށްގެން ޕާޓީގެ މައްސަލަތައް ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް މިހާތަނަށް އަދި އެ ރޫހެއް ނުފެނެ އެވެ. ރައީސް މައުމޫން ވިދާޅުވަނީ އެމަނިކްފާން ދޫ ދޭން ޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ. އަދި މެންބަރުންގެ ތެރޭގައި އިސްލާހީ އެޖެންޑާ ކުރިޔަށް ގެންގޮސް ޕާޓީ އިސްލާހު ކުރުން ނޫން އެނޫން ކަމެއް ނުކުރައްވަން މައުމޫން ހުރީ އަޒުމު ކަނޑައަޅައިގެނެވެ. އަނެއް ކޮޅުން ޕީޕީއެމް ކައުންސިލްގެ ގިނަ މެންބަރުން ތިބީ ފާރިސްއާ ނާދިރާ ހުރި ބައްދަލުވުމަކަށް ނާރާނެ ކަމަށް ވިދާޅުވެގެންނެވެ.

ކޮންމެއަކަސް މައްސަލަތައް ހައްލުވާ ހިސާބަކަށް ދާން ސިޔާސީ އޮއެވަރު ބަދަލުވާތަނެއް އަދި ނުފެނެއެވެ. "އަވަސް"އާ ވާހަކަދެއްކި ބައެއް މެންބަރުން ވިދާޅުވީ ގޮތުގައި މިހެން ސުލްހަވެރިކަމައި އެކު ކުރިޔަށް ނުދަންޏާ މިކަން ވަރަށް ދިގު ދެމިގެން ދާނެ އެވެ. އަދި ޕާޓީގެ މުސްތަގުބަލު އޮންނާނެ ގޮތެއް ބުނާކަށް ވެސް ނޭނގެ އެވެ. މައުމޫން ރޭ ވިދާޅުވީ ޕާޓީ ދޫކުރައްވާ ނުދާނެ ކަމަށާއި މަޝްވަރާކޮށްގެން މި މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.

ޕާޓީގެ އެންމެ އިސްދެބޭފުޅުން ކަމަށްވާ، ރައީސް އާއި މުޝްތަޝާރު ރައީސް ޔާމީން ވެސް ގަބޫލު ކުރައްވަނީ ޕާޓީގެ މައްސަލަތައް ހައްލުކުރަން އޮތް ހަމައެކަނި ގޮތަކީ މަޝްވަރާ ކަމަށެވެ. އެ ނޫން ފޯމިއުލާއެއް އަދި އެދެބޭފުޅުންގެ ވާހަކައިން ވެސް ތިލައެއް ނުވެ އެވެ. މަޝްވަރާއިން އަލިމަގެއް ފެންނަންވާނެ އެވެ. މިއީ ދެފަރާތުން ވެސް ދޫދީ، އަސާސީ ގަވާއިދުގެ އިސްކޮށްގެން ކުރިއަށް ދާންވީ ވަގުތެވެ. ބައިބައިވެއްޖެ ނަމަ، ރައީސް ޔާމީން ވިދާޅުވާ ގޮތަށް މިއީ އިދިކޮޅު ފަރާތްތަކަށް ދެވޭ ހަދިޔާ އެކެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕީއެމްއަށް ވެސް އެޅޭ ބޮޑު ހުރަހަކަށް މި ކޯޅުންގަނޑު ބަދަލުވެދާނެ އެވެ.