ރާއްޖޭގެ ސިޔާސީ ނިޒާމަށް 2008 އިން ފެށިގެން އައި ބޮޑު އިންގިލާބީ ބަދަލާއެކު ފެންމަތިވި އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުޠު ހަމަވޭތޯ ބެލުމުގެ މައްސަލަ އެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކެންޑިޑެސީ ގެ ކަންކަން އަމާންއޮމާންކޮށް ގެންދިއުމަށް ތަފާތުގޮންޖެހުންތައް ފާއިތުވި ކުރު ޑިމޮކްރެޓިކް މާޒީގައިވެސް އަދި މިއަދުވެސް މިދަނީ ކުރިމަތިވަމުންނެވެ.
ރިޔާސީ އިންތިހާބު ކުރިމަތިވެގެން 2008 ގައި އައި އިރު އޭރުގެ އިދިކޮޅު އެންމެ އަޑުގަދަ ޕާޓީ އެމްޑީޕީން ކުރިމަތިލެއްވީ ރައީސް ނަޝީދެވެ. އެމަނިކުފާނު ގެ މާޒީގައި ސާބިތުކުރެވިފައިވާ ވައްކަމުގެ މައްސަލައެއް އާންމު ފަރާތަކުން އޭރުގެ އިންތިގާލީ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އަދި އެމަނިކުފާނަށް ޓެރަރިޒަމް ހިންގި މައްސަލައެއްގައި 2006 ގައި ބަންދު ކުރެވިފައިވެސް އެވެ. މި ދެ ކޭސް އަށް ބިނާކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވީ ރާއްޖޭގެ ޑިމޮކްރެޓިކް މާހައުލާއި ގައުމީ މަސްލަހަތަށް ރިއާޔަތްކޮށް ރައީސް ނަޝީދަށް ކުރިމަތިލެއްވޭނެ ކަމަށެވެ.
ހަމައެހެންމެ ރައީސް މައުމޫން އަށް އައު ގާނޫނުއަސާސީގެ ދަށުން އޮތް ގޮތުން 5 އަހަރުގެ ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް އެ މައްސަލަވެސް ވެއްދި އެވެ. ސުޕްރީމް ކޯޓުން ހުކުމް އިއްވީ އަނެއްކާވެސް ގައުމީ މަސްލަހަތު އިސްކޮށް އައު ގާނޫނުއަސާސީގެ ދަށުން 5 އަހަރުގެ ދެ ދައުރު ފުރިހަމަކޮށްފައިނުވާކަމަށް ކަނޑައަޅައި ރައީސް މައުމޫން އަށް ކުރިމަތިލެއްވޭނެ ކަމަށެވެ. އޭރު ރައީސް މައުމޫން ވަނީ 5 އަހަރުގެ 6 ދައުރު ވެރިކަމުގައި ހުންނަވާފަ އެވެ. ނަމަވެސް ގާނޫނީ ބުރަދަނާއިއެކު ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ އިހުސާސްތަކާއި މިފަދަ ގިނަ އެތައް ކަމަކަށް ބަލައި، ރައީސް ކަމަށް ކުރިމަތިލުމުގެ އަސާސީ ހައްގު ވަނީ ދަމަހައްޓާފަ އެވެ.
ރިޔާސީ އިންތިހާބު 2013 ގައިވެސް ގާނޫނީ އެތަކެއް ތުހުމަތުތަކުގެ މައްސަލަތަކެއް، ކުރިމަތިލައްވަން ނިންމެވި ބޭފުޅުންގެ އޮތެވެ. އެހެންނަމަވެސް ސިޔާސީ މައިދާނުގައި ރައީސް ކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވި އެންމެ ބޭފުޅުންނަށް ކުރިމަތިލެއްވުމަށް ފުރުސަތު ވަނީ ލިބިފަ އެވެ.
ރިޔާސީ އިންތިހާބު 2018 ގާތްވެގެން އައިއިރު އެއިގެ ކުރީ ފަހަރުތަކާއި ޚިލާފަށް އެއިގެ ކުރިން ކުރިމަތިނުވާހާ ތަފާތު ބޮޑެތި އިންގިލާބީ މައްސަލަތަކެއް އޮތީ ކުރިމަތިވެފަ އެވެ. އިދިކޮޅުން ބަޣާވާތަކުން ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުމަތާއި ޓެރަރިޒަމް ހިންގުމުގެ އަމަލުތަކާއި މިފަދަ ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވި ދަށުކޯޓުތަކުން ސާބިތުކޮށްވަނީ އިދިކޮޅު ހުރިހާ އިސް ލީޑަރުން ޖަލަށްލެވިފަ އެވެ. އެފަދަ ގިނަ ބޭފުޅުން ތިއްބެވީ ބޭސްފަރުވާއަށް ދެއްވި ފުރުސަތުގައި ރާއްޖޭން ބޭރަށް ވަޑައިގެން އަމިއްލައަށް އަރުވާލެއްވިގެން ގައުމުން ބޭރުގަ އެވެ. އެހެންކަމުން ގާނޫނީ ގޮތުން ކުރިމަތިލުމަށް އެކަށީގެންވާ ފުރުސަތުވެސް ނުލިބި އެއިން އެއްވެސް ބޭފުޅަކަށް ފުރުސަތު ނުލިބުމުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ދެވަނަ ޗޮއިސެއްގެ ގޮތުގައި ނިކުމެވަޑައިގެން އިންތިހާބް ކާމިޔާބް ކުރެއްވީ އެވެ.
މިއަދު ގެ މާހައުލުވެސް އިދިކޮޅަށް އަމާނެއް އަދި އެއް ނުވެ އެވެ. ސިޔާސީ މައިދާނުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް ގެ ލީޑަރު، ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައިވަނިކޮށް އެމަނިކުފާނަށް ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވި ދަށު ކޯޓުން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ޖަލުގައި ހުންނަވައިގެންވިއަސް މިފަހަރު އެމަނިކުފާނު ވަނީ އިލެކްޝަން ކޮމިޝަނަށް ކެންޑިޑެސީ ހުށަހަޅާފަ އެވެ. އެއާއެކު ދުވަހުން ދުވަހަށް އިލެކްޝަން ކޮމިޝަނުންވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ދަށުން ރާއީސް ޔާމީން ޝަރުޠު ހަމަނުވާ ކަމަށް ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަށް އަންގާފަ އެވެ.
އިލެކްޝަން ކޮމިޝަނުން ފުރަތަމަ ނިންމި ނިންމުން އެންގިފަހުން އެއިގެ 7 ގަޑި އިރު ފަހުން އެހެން ލިޔުމެއް އިތުރު ޝަރުޠު ފުރިހަމަ ނުވާކަމަށް ހަވާލުކުރަން މަސައްކަތްކޮށްވަނީ އިންތިހާބީ އެޖެންޓަށް އީމެއިލުން ފޮނުވާފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް ވަނީ އިލެކްޝަނުން ކެންޑިޑެސީ ގަބޫލް ނުކޮށް ފޮނުވި ލިޔުން ލިބިފައިވާ ކަމަށާއި އިތުރު ލިޔުމެއް ހަވާލުކުރަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް އިލެކްޝަނަށް ވިދާޅުވެފަ އެވެ. އަދި ފަހުން ފޮނުވި އީމެއިލް އެ ސަބަބަށްޓަކައި އިއްޔެ އޮތް ސުޕްރީމް ކޯޓުގެ އަޑުއެހުމާ ހަމައަށްވެސް ނުހުޅުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ސުޕްރީމް ކޯޓް ފަނޑިޔާރުވަނީ އެހިސާބަށްވެސް އެ އީމެއިލް ހުޅުވާފައިނުވާކަމަށް އޭނާ ވިދާޅުވުމުން ހައިރާންވެވަޑައިގެން ބޮލުގެ އިޝާރާތުން އެކަން ހާމަކުރައްވާފަ އެވެ.
ރައީސް ޔާމީން ގެ ކެންޑިޑެސީ އިލެކްޝަނުން ބަލައިނުގަތުމުން އެއިގެ އަނެއްދުވަހު އިރު ނާރަނީސް ފަތިހުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގައި މިހާރު މިވަނީ ކެންޑިޑެސީ މައްސަލަ ފައިލްކޮށްފަ އެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަކާލާތު ކުރަމުންދަނީ ގާނޫނުއަސާސީގައި ބުނެފައިވާ 109 ވަނަ މާއްދާ އަށް ރައީސް ޔާމީން ނުފެތޭ ކަމަށެވެ. އެ މާއްދާގައިވަނީ މީހަކު ޖިނާއީ ކުށެއްކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ހުކުމެއް އައިސްފައިވާ މީހަކު އެހުކުމް ތަންފީޒް ކުރިތާ ނުވަތަ މައާފް ދެވުނުތާ 3 އަހަރު ނުވަނީސް ރައީސް ކަމުގެ މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ހޯދަންޖެހޭ ލިޔުންތައް އިލެކްޝަނުން ހޯދުމަށްފަހު އިއްޔެ އަށް މި މައްސަލަ ތާވަލް ކޮށް މިވަނީ 9 ވަރަކަށް ގަޑި އިރުގެ ފުރަތަމަ އަޑު އެހުން ބާއްވާފަ އެވެ. މި މައްސަލައިގެ ތެރެއަށް އެޓާނީ ޖެނެރަލް ގެ އޮފީހުންނާއި އަދި ޕީޕީއެމުންވެސް ވަނީ ތަދައްޚުލްވެސްވެފަ އެވެ.
ދައުލަތުގެ އެޓާނީ ޖެނެރަލް އޮފީހުން އަދި އިލެކްޝަން ކޮމިޝަނުގެ ވަކީލުން ވަނީ މި އަޑުއެހުމުގައި ރައީސް ޔާމީނަށް މިދެންނެވި ގާނޫނުއަސާސީގެ މާއްދާގެ ދަށުންނާއި އަދި ޕެރޯލް ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ސިޔާސީ ހަރަކާތްތަކުގައި ބަންދުގައި ތިބޭ މީހުންނަށް ބައިވެރިނުވެވޭ ކަމަށް ބުނާ މާއްދާއެއްގެ ދަށުންނާއި އަދި ރައީސް ޔާމީން މިހާރު ޖަލުގައި ހުންނެވި އެއް މައްސަލައެއްގައި ތަފާތު ދެ ދުވަހެއްގެ މަތިން ކްރިމިނަލް ކޯޓުން ދެ ދުވަސް މަތިން ކުރި ދެ ހުކުމަކުން އެއް ހުކުމެއްގައި ޖޫރިމަނާ ފައިސާ އެއް ދައްކަން އޮތް ކަމަށްވެ، ދަރަންޏެއް ހަލާސް ނުކޮށް އޮންނަ މާއްދާއެއްގެ ދަށުންވެސް ކުރިމަތި ނުލެއްވޭނެ ކަމުގެ އެތަކެއް ހުއްޖަތެއް ފަނޑިޔާރުންގެ ކުރިފުޅު މައްޗަށް ހުށަހަޅާފަ އެވެ.
ހަމައެގޮތަށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާ ގައި ބުނާ ސާބިތު މައްސަލައާއި ޕެރޯލް ގެ ގާނޫނުގެ ދަށުން ބުނާ ސިޔާސީ ހަރަކާތް ހިންގުމާއި އަދި ސާބިތު ދަރަންޏެއް ނެތްކަމަށް އެތަކެއް ހުއްޖަތާއެކު ޑިމޮކްރެޓިކް ގައުމުތަކުގައި އަސާސީ ހައްގުތައް ހިފެނެހުއްޓޭނެ އަދި ގައުމީ މަސްލަހަތު އިސްކުރި ކިތަންމެ ކަމެއް ރައީސް ޔާމީންގެ ވަކީލުންނާއި އަދި ޕީޕއެމް ގެ ވަކީލުން ވަނީ ފަނޑިޔާރުންގެ ކުރިފުޅު މައްޗަށް ހުށަހަޅާފަ އެވެ.
ފާއިތުވި ޑިމޮކްރެޓިކް މާޒީގައި އެންމެ މަތީ ސުޕްރީމް ކޯޓުން ވަނީ ހުރިހާ ފަހަރެއްގައިވެސް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުވަތަ އިސް ފަރާތްތަކަށް ގާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ލިބިދީފައި އޮތް އިންތިހާބުތަކުގައި ކުރިމަތިލުމުގެ އަސާސީ ހައްގު ކަށަވަރުކޮށްދީފަ އެވެ. އެއީ ސުވާލު އުފެއްދިނަމަވެސް އެވެ. މިފަހަރުވެސް މިއޮތީ އަސާސީ ހައްގަކާމެދު ސުވާލު އުފައްދާފަ އެވެ. މިފަހަރު ސުޕްރީމް ކޯޓުން ޑިމްކްރަސީގައި މުޠްލަގަށް އަސާސީ ހައްގެއް ކަށަވަރުކޮށްދޭދިނުމަށް ސުޕްރީމް ކޯޓުން ނިންމާ ނިންމުމަށް މި އޮތީ ކުރިއަށް މި އޮތް ދެ ދުވަހަށް އިންތިޒާރުކުރަންޖެހިފަ އެވެ. ކޮންމެ ގޮތަކަށް ހުކުމް އައި ނަމަވެސް އެއީ މިވަގުތަށް ރިޔާސީ އިންތިހާބަށް އަސަރުކުރާނެ ފަހުގެ ނިންމުމެވެ.