ވިޔަފާރި

ފަރެސްމާތޮޑާ ކައިރީ އެއާޕޯޓެއް ތަރައްގީކުރަނީ

ގދ. ފަރެސްމާތޮޑާ ކައިރީގައި އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުން ނިންމައިފި އެވެ. އެ އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވަނީ ފަރެސްމާތޮޑާ ކައިރީ އޮންނަ ބޮޑު ފަޅު ރަށެއް ކަމަށްވާ ލާބަދޫގަ އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފު މިއަދު "އަވަސް"އަށް ވިދާޅުވީ، ލާބަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް މަޖިލީހުގެ އިގުތިސޯދީ ކޮމެޓީގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ކަމަށެވެ. އެގޮތަށް މިނިސްޓަރު ވިދާޅުވުމުން އެކަމާ ގުޅިގެން މިނިސްޓަރާ މަޝްވަރާކުރެވުނު ކަމަށެވެ.

މެންބަރު ވިދާޅުވީ، އެ މަޝްވަރާގައި ލާބަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުން ނިންމިކަން މިނިސްޓަރު ޒަމީރު ރަސްމީކޮށް މެންބަރަށް އަންގަވާފައިވާ ކަމަށެވެ.

މި ސަރުކާރުން ލާބަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމިއިރު މީގެކުރިން ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހުސެއިން މަނިކް ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ފިޔޯރީގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ވެސް ގދ. ކާޑެއްދޫގައި އެއާޕޯޓެއް އޮވެ އެވެ. އަދި އަމިއްލަ ފަރާތުން އެ އަތޮޅުގެ އެހެން ފަޅު ރަށެއް ކަމަށްވާ މާވަރުލުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މެންބަރު ވިދާޅުވީ، ކާޑެއްދޫއަކީ ފަރެސްމާތޮޑާ އާއި ފޮޔޯރީ އަދި ރަތަފަންދޫއާ ދުރުގައި އޮތް ރަށެއް ކަމުން އެ ހަތަރު ރަށުގެ ރައްޔިތުންނަށް ދަތިވާ ކަމަށެވެ. އަދި އަމިއްލަ ފަރާތަކުން ތަރައްގީކުރަން ނިންމި އެއާޕޯޓު އަޅާ ރަށް ވެސް އޮތީ އެ ހަތަރު ރަށާ ވަރަށް ދުރުގައި ކަމަށެވެ. ލާބަދޫ އޮންނަނީ ފަރެސްމާތޮޑާއާ އެއް ފަޅެއްގަ އެވެ.

ލާބަދޫގައި އެއާޕޯޓު އެޅުމުން މި ހަތަރު ރަށުގެ ރައްޔިތުންނަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމަށް ވެސް މެންބަރު ފާހަގަކުރެއްވި އެވެ. އަދި އެ ސަރަހައްދުގައި ގިނަ ފަޅު ރަށްތަކެއް އޮތް ސަރަހައްދަކަށްވެފައި އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުމުން ޓޫރިޒަމް ފުޅާކުރުމަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ގިނަ އެއާޕޯޓުތަކެއް އެޅުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މި ސަރުކާރުން ވަނީ އުތުރުގެ ތިން ރަށެއްގައި ވެސް އެއާޕޯޓު ތަރައްގީކުރަން ނިންމާފަ އެވެ. އެއީ، ހއ. ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގަ އެވެ. މީގެއިތުރުން ނ. މާފަރުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވެސް ކުރި އެވެ. އަދި ރ. އިފުރުގައި ވެސް އެއާޕޯޓެއް ވަނީ ތަރައްގީކޮށްފަ އެވެ.