ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް ދެން ބާއްވާނީ ބަންދަށް ފަހު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިނިވަން ދުވަހުގެ ބަންދަށް ފަހު ބާއްވަން ނިންމައިފައިވާކަމަށް މަޖިލީހުގެ ބައެއް މެންބަރުން މިއަދު ކަށަވަރުކޮށްދީފި އެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ބަންދުވާތީ މާދަމާ މަޖިލީހުގެ ޖަލްސާ ނުބާއްވަން ނިންމައިފަވާ ކަމަށެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މިނިވަން ދުވަހުގެ ބޮޑު ބަންދަށް ފަހުގައި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މިނިވަން ދުވަހަށް ބޮޑު ބަންދެއް ކުރިމަތީ އޮތީ. އެހެންވެ ވާހަކަދެކެވެނީ މާދަމާގެ ޖަލްސާ ކެންސަލްކޮށްދެން އަންނަ ހަފްތާގައި ޖަލްސާތައް ފަށައި މަސައްކަތް ކުރިޔަށް ގެންދަން،" ރިޔާޒު ވިދާޅުވި އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި މާދަމާއަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައި ނުވެ އެވެ. އެހެންކަމުން ދެން ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގައި ކަމަށް އަމީން އާންމު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ ކެންސަލް ކުރުމައި ގުޅިގެން އަބުރު ރައްކާތެރިކުރުމައި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމައި ބެހޭ ބިލާ މެދު ބަހުސްތައް އަންނަ ހަފްތާގައި ކުރިޔަށް ދާނެ ކަމަށް ބެލެވެ އެވެ. އަދި ކުރިން އެ ބިލު އޮތް ގޮތް ބަދަލުކޮށް އަލުން ފަރުމާކޮށްފައިވާ ބިލާ މެދުވެސް ގިނަ ނޫސްވެރިން ކަންބޮޑުވުންތައް ހުއްޓެވެ. ނަމަވެސް މަޖިލީހަށް ބިލު ހުށަހެޅި އުގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ވިދާޅުވީ ގޮތުގައި އެ ބިލު ފަރުމާކޮށްފައިވާނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދީފައި ކަމަށެވެ.