މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވާ މެލޭޝިޔާގެ "މަޓާ ފެއާ 2016" ގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގެ ގެސްޓް ހައުސްތަކަށް ހާއްސަ އަގެއް ހަމަޖައްސައިފި އެވެ.
"އަވަސް" އަށް ވާހަކަ ދައްކަވަމުން މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުނާޒު ވިދާޅުވީ ރާއްޖޭގެ އާއްމު ޓްރެވަލް އެޖެންޓުންނަށް ދޭ ވަރަށްވުރެ ހެޔޮ އަގެއްގައި ގެސްޓް ހައުސްތަކަށް މި ފެއާގައި ބައިވެރިވެވޭނެ ކަމަށެވެ.
ހާއްސަ އަގެއް ދިވެހި ގެސްޓް ހައުސްތަކަށް ހަމަޖައްސައިދިން ނަމަވެސް އެ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ.
"[ރާއްޖޭގެ] ގެސްޓް ހައުސްތަކަށް މިދެނީ ވަރަށް ހާއްސަ އަގެއް. މީގެ ސަބަބުން ފެއާގައި ބައިވެރިވާން ބޭނުންވާ ގެސްޓް ހައުސް ތަކަށް އިތުރު ފުރުސަތަކަށް ވާނެ،" މުނާޒު ވިދާޅުވި އެވެ.
މެލޭޝިޔާގެ ކްއާލަލަމްޕޫރުގެ "ޕުތްރާ ވޯލްޑް ޓްރޭޑް ސެންޓަރު" ގައި އޮންނަ މަޓާ ފެއާގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވަނީ މަޓާޓޯ އާއި އެމްއެމްޕީއާރްސީ ގުޅިގެނެވެ. މި ފެއާގައި 13،00 އަށްވުރެ ގިނަ ސްޓޯލް ހުންނައިރު، 4،200 ފަރާތަކުން ބައިވެރިވާނެ އެވެ. އަދި މި ފެއާއަށް 130،000 މީހުން ޒިޔާރަތް ކުރެ އެވެ. މި ފެއާ އޮންނަނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރަކަށެވެ.