ޓޫރިސްޓް އެރައިވަލް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކައަށްވުރެ ގިނަ ޓޫރިސްޓުން !

Aug 2, 2016
  • ޔޫރަޕުގެ މާކެޓު ދަށެއް ނުވޭ
  • ޗައިނާ މާކެޓު ވަނީ ދަށްވެފަައި
  • މިދިޔަ މަހު ތިން ޕަސެންޓް ދަށްވި

މި އަހަރުގެ މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 619،921 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 609،105 މީހުންނެވެ. މިއީ ގާތްގަނޑަކަށް 1.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. ޖޫން މަހު 79،034 ޓޫރިސްޓުން އައިސްފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް އައިސްފައިވަނީ 81،506 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 157،764 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 178،114 މީހުންނާ އަޅާބަލާއިރު މިއީ 11.4 ޕަސެންޓްގެ ދަށްވުމެވެ. އަދި މި މުއްދަތުގައި އިނގިރޭސިވިލާތުން 51،534 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 46،741 ޓޫރިސްޓުންނެވެ. މިއީ 10.3 ޕަސެންޓުގެ އިތުރުވުމެކެވެ.

ރަޝިޔާ އިން މި އަހަރުގެ މިހާތަނަށް 22،386 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 22،128 ޓޫރިސްޓުންނެވެ. މިއީ 1.2 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި އިޓަލީން މި އަހަރުގެ މިހާތަނަށް 37،981 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ އަހަރު އައިސްފައިވަނީ 35،854 ޓޫރިސްޓުންނެވެ.

މިއީ ގާތްގަނޑަކަށް 5.9 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޖަރުމަނުވިލާތުން މި އަހަރުގެ މިހާތަނަށް 53،920 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 51،861 ޓޫރިސްޓުންނެވެ. މިއީ ހަތަރު ޕަސެންޓުގެ ކުރި އެރުމެކެވެ.