ވިޔަފާރި

މަޓާޓޯއިން ގެސްޓް ހައުސްތަކަށް ތިން އެވޯޑެއް ދެނީ

Aug 3, 2016
  • އެވޯޑް ދިނުން ނޮވެމްބަރުގައި
  • ގެސްޓް ހައުސް އައިލެންޑް ހޮވާނެ
  • މިމަހުގެ 15 އާ ހަމައަށް ކުރިމަތިލެވޭ

މަޓާޓޯ އިން ބާއްވާ "މޯލްޑިވްސް ޓްރެވަލް އެވޯޑް" ގައި ގެސްޓް ހައުސްތަކަށް މި އަހަރު ތިން އެވޯޑެއް ދޭނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުނާޒު ވިދާޅުވި މި އަހަރު ގެސްޓް ހައުސްތަކަށް ދޭ އެވޯޑުތަކުގެ ތެރޭގައި އެންމެ އިނޮވޭޓިވް ގެސްޓް ހައުސް އާއި ލީޑިން ގެސްޓް ހައުސް އަދި ގެސްޓް ހައުސް އައިލެންޑް ހޮވާނެ ކަމަށެވެ.

"ގެސްޓް ހައުސްތަކަށް ހާއްސަކޮށް ދޭ އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސް އައިލޭންޑްގެ އެވޯޑް، މި އެވޯޑު ދެނީ ގެސްޓުންނަށް އެންމެ ރަނގަޅު ހިދުމަތްތަކެއް ދޭ ރަށްރަށަށް،" މުނާޒު ވިދާޅުވި އެވެ.

މަޓާޓޯ އިން ވަނީ ޓްރެވަލް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ހުޅުވާލުމުގެ ގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ އެވެ.

މުނާޒު ވިދާޅުވީ އެވޯޑަށް މި އަހަރު ލިބޭ ތަރުހީބު ބޮޑު ކަމަށާއި، ގިނަ ބަޔަކު އެވޯޑަށް ކުރިމަތިލާފައިވާ ކަމަށެވެ.

"ފާހަގަ ކޮށްލަން ޖެހޭ މަޝްރޫއު ބްރޭންޑްތައްވެސް ވަނީ އެވޯޑަށް ކުރިމަތިލާފައި،" މުނާޒު ވިދާޅުވި އެވެ.

މަޓާޓޯ ޓްރެވަލް އެވޯޑު ބާއްވަން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި އެވޯޑާ ދިމާކޮށް ޓްރެވަލް ކޮންފަރެންސެއް ބޭއްވުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

މުނާޒު ވިދާޅުވީ ޓްރެވަލް ކޮންފަރެންސުގައި ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކުން ވާހަކަ ދައްކާނެ ކަމަށެވެ.

"މި ކޮންފަރެންސުގައި އޮންނާނީ ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތަކާއި އެކަމަށް ބޭނުންވާ ހައްލުތަކާމެދު މަޝްވަރާ ކުުރުން،" މުނާޒު ވިދާޅުވި އެވެ.

މަޓާޓޯ އިން މިދިޔަ އަހަރު ބޭއްވި ޓްރެވަލް އެވޯޑުގެ ހާއްސަ ބައި އޮތީ ދުބާއީގަ އެވެ. އެންމެ ފަހުން ގެސްޓް ހައުސް އެވޯޑު ލިބިފައިވަނީ ކ. މާފުށީ "އެރީނާ ބީޗް" ގެސްޓް ހައުސް އަށެވެ.