ރާއްޖެ ކުޅިވަރު

ޕޮއިންޓެއްގެ ތަފާތުން އީގަލްސް މާޒިޔާ ފަހަތުގައި

އުރީދު ދިވެހި ޕްރިމިއާ ލިގްގައި ރޭ ކުޅުނު މެޗްގައި ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-1 ނަތީޖާއަކުން ކާމިޔާބު ހޯދައި ލީގް ތާވަލުގެ ދެ ވަނައިގައި އޮތް ކުލަބު އީގަލްސްއިން އެއް ވަނައިގައި އޮތް މާޒިޔާގެ ފަހަތުގައި ވިއްދައިފިއެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ 21 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން މޮޅުވެ އީގަލްސްވަނީ 20 ޕޮއިންޓް ހޯދާފައެވެ.

މެޗްގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓްގައި އީގަލްސްއަށް ކަމިޔާބުކޮށްދިނީ އަހްމަދު ޒާދު އެވެ.

ދެވަނަ ލަނޑު 21 ވަނަ މިނެޓްގައި ކާމިޔަބު ކުރީ މުސްތޮފާ މުހައްމަދު ސެޑިކްއެވެ. ދެ ވަނަ ލަނޑަށް ފަހުވެސް އީގަލްސްއަށް ވަނީ ލަނޑު ޖަހަން ރަަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އަހްމަދު ރިޒުވާންއަށް ހުސްކޮށް ދެ ފުރުސަތެއް ލިބިގެން ދިޔައެވެ. ޕެނަލްޓީ އޭރިއާ ރޮނގުމަތިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ އިރުމަތި ފަރާތުން ގޯލް ދަނޑިއާ އިންޗިއެއްހައި ދުރުން ބޭރަށެވެ.

ދެވަނަ ހާފުގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރިތާ މިނެޓެއް ނުވަނީސް މެޗްގެ 69 ވަނަ މިނެޓްގައި އިބްރާހިމް މުބީން (މުއްކި) ވަނީ އީގަލްސްއަށް ނަތީޖާ ފުޅާ ކޮށްދީފައެވެ.

ދެ ވަނަ ހާފުގައި ބީޖީން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. ހާއްސަކޮށް ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުންތަކުން އެޓީމުން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާކޮށްފައެވެ.

ބީޖީގެ ލަނޑު 81 ވަނަ މިނެޓްގައި ކާމިޔަބު ކުރީ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑް އޮސިގީއެވެ.

މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ލީގްގެ ފަސް ވަނައިގައި އޮތް ޔުނައިޓަޑް ވިކްޓްރީއާއި ހަ ވަނައިގައި އޮތް ކުލަބު ވެލެންސިއާއެވެ.