އޭއެފްސީ ކަޕާއި ދިމާކޮށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވެސް އީގަލްސް އާއި ގުޅިއްޖެ އެވެ.
މި ދެ ކުޅުންތެރިން ވަނީ މިއަދު ގަލޮޅު ދަނޑުގައި ބޭއްވި އީގަލްސްގެ ފަރިތަކުރުން ތަކުގައި ވެސް ބައިވެރި ވެފަ އެވެ. އަކޫ އާއި ފައިސަލްގެ އިތުރުންވެސް އަންނަ އޯގަސްޓު މަހު ކުޅޭ އޭއެފްސީ ކަޕްގެ ކޮލިފައިން މެޗާއި ދިމާކޮށް އީގަލްސް އިން ވަނީ ބޮޑެތި ގިނަ ކުޅުންތެރިން ތަކެއް އެޓީމަށް ގެންގޮސްފަ އެވެ.
އެގޮތުން ގައުމީ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ އިތުރުން ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ދެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސަ (މެސީ) ވެސް ވަނީ އީގަލްސް އާއި ގުޅިފަ އެވެ.
މި ކުޅުންތެރިންނަކީ ހަމަ އެކަނި އޭއެފްސީ ކަޕާއި ދިމާކޮށް އެޓީމަށް ގެންނަ ކުޅުންތެރިންނެވެ. މުބާރާތް ނިންމުމަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އެހެން ކްލަބް ތަކާއި ގުޅުމުގެ ފުރުސަތު މި ކުޅުންތެރިންނަށް އޮންނާނެ އެވެ.
ގައުމީ ކެޕްޓަން އަކޫ ވަނީ މީގެ ކުރިން ވެލެންސިއާ، ނިއު ރޭޑިއަންޓް، މާޒިޔާ، ވީބީ ސްޕޯޓްސް ކްލަބް، ވިކްޓްރީ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. މިއީ އޭނާ އީގަލްސްއަށް ކުޅޭނެ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ވެސް 2014 އީގަލްސް އަށް ކުޅެފައިވާ ގައުމީ ކީޕަރު ފައިސަލް ވަނީ ވިކްޓްރީ، ނިއު ރޭޑިއަންޓް، އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް)، ވެލެންސިއާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.
އޭއެފްސީ ކަޕާއި ދިމާކޮށް އީގަލްސް އިން ގިނަ ކުޅުންތެރިން ތަކެއް ގެނެސް ޓީމު ވަރުގަދަ ކުރަމުން އަންނަ އިރު، އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަ ކުރާ އޭއެފްސީ ކަޕްގެ ޕްލޭ އޮފް މެޗު ކުޅެން ހަމަ ޖެހިފައި އޮތީ 15 އޯގަސްޓްގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖެގެ ފަހު ޖާގަ ކަށަވަރު ކުރާނެ އެވެ.
މިވަގުތު ގްރޫޕް ސްޓޭޖުގައި އޮތީ މާޒިޔާ، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް އޮތީ އޯގަސްޓް މަހުގެ 18، 21 އަދި 24 ގަ އެވެ.