އޭއެފްސީ

ތަޖުރިބާގެ މައްސަލަ އީގަލްސްއަށް ދިމާ ނުވާނެ: ޝާޒް

އޭއެފްސީ ކަޕްގެ މެޗަކަށް މުޅިން އަލަށް އީގަލްސް ނުކުންނަން ތައްޔާރު ވާ ނަމަވެސް އެކަން މައްސަލައަކަށް ނުވާނެ ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު ޝާޒްލީ ޝާޒް ބުނެފި އެވެ.

އޭއެފްސީ ކަޕް ކޮލިފިކޭޝަންގެ ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި މާދަމާ އީގަލްސް ނުކުންނާނީ، ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިިޓީ އާ ދެކޮޅަށެވެ. މޭލޭގައި ކުޅޭ މެޗަށް ތިމްޕޫ ނުކުންނައިރު އެ ޓީމަށް އޮންނާނެ ހިތްހަމަ ޖެހުމަކީ އޭއެފްސީ ކަޕްގެ ތަޖުރިބާ މީގެ ކުރިން ލިބިފައި ވުމެވެ. އޭފްސީ ކަޕްގެ 2017 ޕްރިލިމިނަރީ ބުރުގައި އެ ޓީމުން ވަނީ ވެލެންސިއާ ދެކޮޅަށް މާލޭގައިވެސް ކުޅެފަ އެވެ. ތިމްޕޫ ސިޓީގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، މާލޭގައި ވެލެންސިއާއިން ވަނީ 3-0 ން ތިމްޕޫ ބަލި ކޮށްފަ އެވެ.

ޝާޒް ގަބޫލު ކުރާ ގޮތުގައި، އޭއެފްސީ ކަޕްގެ މަރުހަލާއަށް އީގަލްސް އާ ވިޔަސް، ގައުމީ ޓީމުގައި އިންޓަނޭޝަނަލް މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިން ތިބުމުން ތަޖުރިބާގެ މައްސަލަ ކުރިމަތި ނުވާނެ އެވެ.

"އީގަލްސް މި މުބާރަތަށް އަލަށް ނުކުތް ކަމުގައި ވިއަސް އިންޓަނޭޝަނަލް މުބާރާތްތައް ކުޅެފައި ތިބި ކުޅުންތެރިން ތިބީމަ އެއީ އެޑްވާންޓޭޖެއް. އެހެންވީމަ އިންޓަނޭޝަނަލް މެޗުތަކަށް މިކުޅުންތެރިން އަލެއް ނުވާނެ." 2019 ގައި ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ބަލިކޮށް ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިން ކޯޗް ބުންޏެވެ. "އެ އެޑްވާންޓޭޖާއި ހޯމް އެޑްވާންޓޭޖު ބޭނުންކޮށްގެން މާަދަމާ މެޗު ކާމިޔާބު ކުރެވޭނެ."

ޝާޒް ބުނީ ޓީމަށް އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިންގެ ފަރާތުން ޓީމުގެ ގޭމްއަށް ކުރިއެރުން އަތުވެއްޖެ ކަމަށާއި އީގަލްސްއިން ކުޅޭ އިންޓަނޭޝަނަލް މެޗުތަކަށްވެސް އެކަމުން ކުރިއެރުން އަންނާނެ ކަމަށެވެ.

"އެނގޭނެ ލީގް މެޗުތަކާއި އިންޓަނޭޝަނަލް މެޗުތަކަށް ތަފާތު ވާނެ. އިންޓަނޭޝަނަލް މެޗުތަކުގައި އެ ފެންނަ ތަފާތު އީގަލްސްގެ ކިބައިންވެސް ފެންނާނެ." ބުޓާންގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެމުން ޝާޒް ބުންޏެވެ.

އޭޝިއާ ސިއްސުވާލާފައި ނިއު ރޭޑިއަންޓުން 2005 ގައި އޭއެފްސީ ކަޕް ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. އޭގެ ފަހުން އެހާ ހިސާބަށް ރާއްޖޭގެ ޓީމަކަށް ނުދެވެ އެވެ. އެއްދުވަސް ވަރެއްގައި ރާއްޖޭގެ ޓީމު ތަކުން ގެންގުޅުނީ އޭއެފްސީ ކަޕުގައި ވާދަ ކޮށްލުމުގެ ވިިސްނެމެއް ކަމަށް ޝާޒް ބުންޏެވެ. އެހެންނަމަވެސް އޭއެފްސީ ކަޕްގައި ދިވެހި ކުލަބުތަކުގެ ވިސްނުން މިހާރު ބަދަލު ވެފައިވާ ކަމަށް އޭނާ ފާހަގަ ކުރި އެވެ.

"އޭއެފްސީ ކަޕް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ އެހެންނަމަވެސް ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ލެވަލުން ކުލަބުތަކަށް ގަބޫލު ކުރެވޭ އޭއެފްސީ ކަޕްގައި ދިވެހި ކުލަބުތަކަށްވެސް އިތުރަށް ކުރިއަށް ދެވޭނެކަން."

އީގަލްސް އާއި ތިމްޕޫ މާދަމާ ހަވީރު ގޮލޮޅު ދަނޑުގައި ކުޅޭ މެޗު ފަށަނީ ހަވީރު 4:00 ގަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ދަތުރު ކުރާނީ ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރަށެވެ. މާދަމާ މެޗުން މޯލުވާަ ޓީމެއް އެ ބުރުގައި ވާދަ ކުރާނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. ޕްރިލިލިމިނަރީގެ ފުރުތަމަ ބުރުގައި މާދަމާ ހަވީރު، ނޭޕާލްގެ އާަމީ ކުލަބާއި ލަންކާގެ ޕޮލިސް ކުލަބު، ނޭޕާލްގެ ކަތަމަންޑޫގައި ކުޅޭނެ އެވެ. އެ ދެ ޓީމުގެ ތެރެއިން މޮޅުވާ ޓީމެއް، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި ނުކުންނާނީ އިންޑިއާަގެ ގަދަ ބާރު މޯހަން ބަގާން އާ ދެކޮޅަށެވެ.

ޕްރިލިމިނަރި މަރުހަލާގެ ދެ ވަނަ ބުރު ކުޅޭނީ މި މަހު 14 ގަ އެވެ. ޕްލޭއޮފް ބުރަށް ދަތުރު ކުރާނީ، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގެ މެޗުތަކުން މޮޅުވާ ދެ ޓީމެވެ. ޕްލޭއޮފް މެޗުން މޮޅުވާ ޓީމު ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.

ގުރޫޕް ސްޓޭޖުން މިހާތަނަށް ޖާގަ ހޯދާފައި ވަނީ، ރާއްޖޭގެ މާޒިޔާ އާއި ނަމްގުލަދޭޝްގެ ބޮށުންދަރާ ކިންގްސްގެ އިތުރުން އިންޑިއާގެ އޭޓިކޭ މޯހަންބަގާން އެވެ. މިފަހަރުގެ ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް އަނެއް ޓީމާ ދެކޮޅަށް ކުޅޭނީ އެއް މެޗެވެ. އާންމުކޮށް އޮންނަހެން ދެ ލެގެއް ނޯންނާނެ އެވެ. ސެންތަރަލައިޒްކޮށް ކުލޭ ގުރޫޕް ސްޓޭޖު އޮންނާނީ ރާއްޖޭގަ އެވެ. ގުރޫޕް ސްތޭޖު ހޯސްޓް ކުރުމުގެ ބިޑު ރާއްޖެއިން ކާމިޔާބު ކުރީ އިންޑިއާ އާ ވާދަ ކޮށްގެންނެވެ.