ކުޅިވަރު

ރަނގަޅު ކުޅުންތެރިންނާއެކު އީގަލްސް ވަރުގަދަ ކޮށްފި

އަންނަ އޯގަސްޓް މަހު ކުޅެން ނިންމާފައިވާ އޭއެފްސީ ކަޕުގެ ޕްލޭ އޮފް މެޗާއި ދިމާކޮށް ކްލަބް އީގަލްސް އަށް ކުޅުންތެރިން ތަކެއް ހޯދައި ޓީމު ވަރުގަދަ ކޮށްފި އެވެ.

މިފަހަރު އީގަލްސްއަށް ގެންގޮސްފައި ވަނީ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ދެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސަ (މެސީ) އެވެ. އެގޮތުން އާދީއްތަ ދުވަހުން ފެށިގެން ބަކާ އާއި މެސީ ވަނީ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވަން ފަށާފަ އެވެ.

ދެފަހަރުގެ މަތިން ރަންބޫޓު ހޯދާފައިވާ ސެންޓޭ އީގަލްސް އާއި އަލުން ގުޅުނީ ވެލެންސިއާގައި ހުރުމަށް ފަހު އެވެ. މީގެ ކުރިން އޭނާ ވަނީ އީގަލްސް، ވެލެންސިއާ، އޭވައިއެލް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައެވެ.

ގައުމީ ޓީމުގެ މިޑްފީލްޑަރު ބަކާ އަކީ އައިލެންޑް އެފްސީން 2004 ވަނަ އަހަރު ވިދާލި ކުޅުންތެރިއެކެވެ. އޭނާ ވަނީ މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީ، އީގަލްސް، ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ވިކްޓަރީ ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ގްރީން ސްޓްރީޓްސްގެ އިތުރުން މިޔެންމާގެ ކޭބީޒެޑަށް ވެސް ކުޅެފައެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބުން ފުޓްބޯޅަ ހަޔާތް ފެށި މެސީ މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީ، އީގަލްސް، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ވެސް ކުޅުނެވެ.

މި ތިން ކުޅުންތެރިންނަކީ މީގެ ކުރިން އީގަލްސް އަށް ކުޅެފައިވާ ތިން ކުޅުންތެރިންނެވެ. ސެންޓޭ، ބަކާ އަދި މެސީގެ އިތުރުން އެހެން ކުޅުންތެރިން ތަކެއް ޓީމަށް ގެނައުމަށް އީގަލްސް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަޙްމަދު (ޝާފީ) ވެސް އީގަލްސްއަށް ގެނައުމަށް އެޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

އޭއެފްސީ ކަޕާއި ދިމާކޮށް އީގަލްސް އިން ގިނަ ކުޅުންތެރިން ތަކެއް ގެނެސް ޓީމު ވަރުގަދަ ކުރަމުން އަންނަ އިރު، އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަ ކުރާ އޭއެފްސީ ކަޕްގެ ޕްލޭ އޮފް މެޗު ކުޅެން ހަމަ ޖެހިފައި އޮތީ 15 އޯގަސްޓްގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖެގެ ފަހު ޖާގަ ކަށަވަރު ކުރާނެ އެވެ.

މިވަގުތު ގްރޫޕް ސްޓޭޖުގައި އޮތީ މާޒިޔާ، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް އޮތީ އޯގަސްޓް މަހުގެ 18، 21 އަދި 24 ގަ އެވެ.