ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އީގަލްސް

އޭއެފްސީގެ ޖާގަ، އީގަލްސްގެ ކާމިޔާބެއް

ދިވެހި ޕްރިމިއާ ލީގްގެ ދެވަނަ ހޯދައިގެން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ޖާގަ ލިބުމަކީ އީގަލްސްގެ ހަޔާތުގައި އެ ޓީމަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް، އެ ކުލަބުން ބުނެފި އެވެ.

އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕް ކެންސަލް ކުރުމަށް ފަހު އެފްއޭއެމުން ނިންމާފައި ވަނީ، މި ފަހަރުގެ ސީޒަން އެއްކޮށް ނިންމާލުމަށެވެ. އެގޮތަށް ނިންމުމުން އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ޖާގަ، ލީގްގެ ދެ ވަނަ ޓީމަށް ދިނުމަށެވެ. މިއަހަރުގެ ލީގްގެ ދެ ވަނަ އީގަލްސްއިން ހޯދީ 45 ޕޮއިންޓް ހޯދައިގެންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އާންމު އުސޫލުން އޭއެފްސީ ކަޕްގެ ދެ ވަނަ މަގާމު، މިހާރުގެ ގޮތުންނަމަ، ކޮލިފިކޭޝަންގެ ޖާގަ ލިބޭނީ އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. ދިވެހި ޕްރިމިއާ ލީގް ކާމިޔާބު ކުރާ ޓީމުން، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފިނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ޖާގަ ލިބޭނީ، ލީގްގެ ދެ ވަނަ ޓީމަށެވެ. މި ސީޒަންގެ ދެ މުބާރާތް ކެންސަލް ކުރުމަށް ފަހު، އޭއެފްސީ ކަޕްގެ ޖާގަ އާ މެދު އެފްއޭއެމުން ނިންމީ، ކޮލިފައިންގެ ޖާގަ، ލީގްގެ ދެ ވަނަ ހޯދި ކުލަބު އީގަލްސްއަށް ލިބޭ ގޮތަށެވެ. އޭއެފްސީ ކަޕްގެ ސީދާ ޖާގަ ލިބޭނީ ލީގް ޗެމްޕިއަން މާޒިޔާ އަށެވެ.

ލީގްގެ ދެ ވަނައިގައި ނިންމާލުމަކީ، ދިވެހި ލީގްގެ ތާރީހްގައި މިހާތަނަށް އީގަލްސްގެ ތާރީހްގައި އެ ޓީމުން ހޯދި އެންމެ ބޮޑު ކުރި އެރުމެވެ. ލީގްގެ ތިން ވަނަ ބުރު ކުޅުމާމެދު ކުލަބުތަކުން ހިޔާލު ތަފާތުވެފައި ތިބި ވަގަުތު، ތިން ވަނަ ބުރު ކުޅުމަށް އެންމެ ބޮޑަށް ބާރު އެޅީ އީގަލްސް އެވެ. އޭރު ލީގް ކާމިޔާބު ކުރުމަށް އީގަލްސްއަށްވެސް ތަނަވަސް ފުރުސަތެއް އޮތެވެ.

އެހެންނަމަވެސް، ދެ ވަނަ ބުރުގައި ހީނުކުރާ ކަހަލަ ގޮތަކަށް، ށ. ފޯކައިދޫ އަތުން އީގަލްސް ބަލިވެ. ލީގް ކާމިޔާބު ކުރުމުގެ ފުރުސަތު އީގަލްސް އަށް ހަނި ވި އެވެ. މުޅިން އަމިއްލަ ބާރު ކެނޑުނީ ތިން ވަނަ ބުރުގައި ޓީސީ އަތުން ބަލިވުމުންނެވެ. އޭރު މާޒިޔާއިން އޮތީ ތާވަލުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގާފަ އެވެ. އޭގެ ފަހުން އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ އީގަލްސްއަށް މިހާތަނަށް ލީގްގެ ދެ ވަނައިގައި ނިންމާލެވިފައި ނެތް ކަމަށާއި އޭނާ އަށް އެކަން ކުރެވިއްޖެނަމަ އެއީ ކުލަބަށް ކާމިޔާބަކަށް ވާނެ ކަމަށެވެ.

"މިހާރު މިހުރީ ދެ ވަނައިގައި ނިންމާލުން، މިހާތާނަށް އީގަލްސްއަށް ދެ ވަނައިގައި ނިންމާލެވިފައި ވާހެނެއް ހީއެއް ނުވެ، އެ މަގާމުގައި ނިންމާލުން މިހާރު ޓާގެޓަކީ." މޯހަން އޭރު ބުނެފައި ވެއެވެ.

އޭއެފްސީގެ ޖާގަ ލިބުމުން އީގަލްސް އާންމު ކުރި ޕޯސްޓް

އީގަލްސްއިން މިއަދު ބުނެފައި ވަނީ، އޭއެފްސީ ކަޕްގެ ދޮރު އެޓީމަށް ތަނަވަސް ވެގެންް ދިއުމަކީ އެ ޓީމަށް ލިބުނު ކާމިޔާބެއް ކަމަށާއި، ލީގްގެ ދެ ވަނަ މަގާމަށް އެ ތީމު ގެންގޮސް ދިނުމުގައި ކުޅުންތެރިންނާއި އޮފިޝަލުންގެ މަސައްކަތް ފާހަގަ ކުރާ ކަމަށެވެ.

ރާއްޖެއަށް އައި ފަތުރުވެރިއެއްގެ ގައިން، ކޮވިޑް-19 ފެނުމުން މިމަހުގެ 10 ވަނަ ދުވަހު އާންމު ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތައް މަޑުޖައްސާލީ ސަރުކާރުން އެންގުމުންނެވެ. އޭރު އެފްއޭއެމުން ބުނީ އެޗްޕީއޭ މަޝްވަރާ ކުރުމަށް ފަހު އާ ތާރީހްތައް ކަނޑައެޅުމެގެ މަޝްވަރާއަށް މި މަހުގެ 28 ވަނަ (މިދިޔަ ހޮނިހިރު) ދުވަހަށް ފަހު ކުލަބުތަކާ ބައްދަލު ކުރާނެ ކަމަށެވެ. ރޭ ނެރުނު ބަޔާނުގައި އެފްއޭއެމުން ބުނެފައި ވަނީ، އެންމެ ޓޮޕް ޑިވިޝަންގެ ފުޓްބޯޅަ ސީޒަން ނިންމާލި ނަމަވެސް، ތިން ވަނަ ޑިވިޝަން މުބާރާތާއި ޖަޒީރާ ޗެމްޕިއަންޝިޕް ބޭއްވާނެ ކަމަށާއި އަދި އެ ދެމުބާރާތުގެ ތާރީހްތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ޑޮމެސްޓިކް ފުޓްބޯޅަ ސީޒަން ނިންމާލި ނަމަވެސް، އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބު ވާދަ ކުރާނެ އެވެ. މިހާރު ކޮވިޑް-19 ގެ އުނދަގޫ ދަނޑިވަޅުގައި 2020/2021 ގެ ސީޒަން، ޖޫން މަހު ފެށޭނެތޯ ބުނަން އަދި ނޭންގެ އެވެ.