ކުޅިވަރު

ގުރައިދޫ، ގުޅި، އޭދަފުށި އަދި މާޅޮސް ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނަށް

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ސެންޓްރަލް ލީގުން ވާދަކުރާ ކ. ގުރައިދޫ، ކ. ގުޅި، ބ. އޭދަފުށި އަދި އއ. މާޅޮސް އެ ލީގުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެއްޖެ އެވެ.

ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނަށް ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އަދި ގުޅި ފުޓްބޯޅަ ކްލަބް ކޮލިފައިވީ މާލޭގައި ކުރިއަށްދިޔަ ގްރޫޕް ސްޓޭޖުގެ މެޗުތަކުން ކުރި ހޯދައިގެންނެވެ. މި ގްރޫޕުން ކެޓީ ކ. މާފުށި ނިއު ސްޓާ ސްޕޯޓްސް ކްލަބެވެ.

ގްރޫޕުގެ އެއްވަނަ ގުރައިދޫ ހޯދީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމު ކުޅުނު ތިން މެޗުން މޮޅުވިއިރު ފަހު މެޗުގައި މާފުއްޓާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވީ އެވެ. ގްރޫޕުގެ ދެވަނަ ހޯދި ގުޅި އަށް ހަތަރު މެޗުން ލިބުނީ 6 ޕޮއިންޓެވެ. ފުލަށް ދިޔަ މާފުއްޓަށް ލިބުނީ އެއް ޕޮއިންޓެވެ.

އޭދަފުއްޓަށް ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުނީ އޮކްޓޫބަރު މަހު އެ ރަށުގައި ކުޅެން ހަމަޖެއްސި ގްރޫޕުގައި ހިމެނޭ ޅ. ހިންނަވަރާއި ޅ. ނައިފަރުން މުބާރާތުގައި ވާދަނުކުރުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންނަވަރުން ވަނީ މުބާރާތުގައި ވާދަނުކުރާނެކަން އެފްއޭއެމް އަށް އަންގާފަ އެވެ. އެކަމަކު ނައިފަރުން އެކަން އެފްއޭއެމަށް އަންގާފައިނުވާތީ އެޓީމުގެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ވަނީ ނިންމާފަ އެވެ.

އޭދަފުށި ސެންޓްރަލް ލީގަށް ކޮލިފައިވީ އެރަށުގައި އޮތް އޯޕަން ރައުންޑުގައި އޭދަފުށި ފުޓްބޯޅަ ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވާދަވެރިކަން ފެނުނު އޯޕަން ރައުންޑުން ކްލަބް އޭދަފުށި މޮޅުވީ ދެމެޗުގެ އެގްރިގޭޓް ހަމަހަމަވެ ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ސެންޓްރަލް ލީގަށް ކޮލިފައިވުމުން ހިންނަވަރާއި ނައިފަރާ ވާދަކުރުމަށް އޭދަފުށިން ވަނީ ބިދޭސީ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ.

ކުރިން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އއ. މާޅޮހަށް ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުނީ އެ ގްރޫޕުގައި ހިމެނޭ އއ. އުކުޅަހާއި އދ. ފެންފުށި މުބާރާތުގައި ވާދަނުކުރުމުންނެވެ. ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވިއިރު އުކުޅަހުން މުބާރާތުން ވަކިވިކަން ރަސްމީކޮށް އެފްއޭއެމް އަށް އަންގާފައެއް ނުވެ އެވެ.

އެފްއޭއެމުން 2024/2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ބާއްވާނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށެވެ. ރާއްޖެ ބަހާލާފައިވާ ހަތަރު ޒޯނަކީ, ނޯތު ޒޯން، ސެންޓްރަލް ޒޯން، ސައުތު ޒޯން އަދި މާލެ ޒޯނެވެ.

ނޯތު ޒޯންގައި ހިމެނެނީ ހއ، ހދ، ށ، ނ އަދި ރ އެވެ. ސެންޓްރަލް ޒޯންގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ޒޯންގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ އަދި ސ އެވެ. މާލެ ޒޯނުން، ބުރު ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވިއިރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ފުރަތަމަ ޑިވިޝަނުގެ މަގާމް ދަމަހައްޓާފަ އެވެ. މިއަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

ނޯތު ލީގުން ފުރަތަމަ ޑިވިޝަނަށް ހޮވުނު ޓީމުތަކަކީ، އުނގޫފާރު ފުޓްބޯޅަ ކްލަބް، އަލިފުށި ރެކްރިއޭޝަން ކްލަބް، ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް، ޔުނިޓީ ސްޕޯޓްސް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމަންޓް، ޓީމް ހޮޅުދޫ އަދި ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބެވެ.

ކޮންމެ ޒޯނަކުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާ 8 ޓީމުގެ މެދުގައި މެޗުތައް ކުޅޭނީ އަންނަ އަހަރު އެވެ. ކޮންމެ ޒޯނަކުން ވެސް ޗެމްޕިއަންކަން ހޯދާ ޓީމެއް 2024/2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ. އާ ފޯމެޓްގައި ދިވެހި ޕްރިމިއާ ލީގު ފަށާއިރު ލީގުގައި އޮންނާނީ 12 ޓީމެވެ.